ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން އެ ދާއިރާގައި މަސައްކަތް ކުރާތާ 30 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު އޭނާގެ ދިގު ކެރިއަރުގައި ގިނަ ދުޝްމަނުންތަކެއް ވެސް ހޯދާފައިވެ އެވެ.

އެގޮތުން ސަލްމާންއާއި ވިވެކް އޮބެރޯއީގެ ދެކޮޅުވެރިކަމަކީ ބޮލީވުޑަށް ލޯބިކުރާ މީހުންނަށް ސިއްރުވެފައި އޮންނާނެ ކަމެއް ނޫނެވެ. 2000ގެ ކުރީކޮޅުން ފެށިގެން މިއަދާ ހަމައަށް އެ ދެކޮޅުވެރިކަމަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.

ސަލްމާންއާއި ވިވެކްގެ ދެކޮޅުވެރި ކަމަށް ބަލާއިރު އެކަމުގެ ފަހަތުގައި ވަނީ އެ ދެތަރިން ވެސް ލޯބީގެ ގޮތުން ގުޅުނު ކަމަށް ބުނާ އައިޝްވާރްޔާ ރާއީ އެވެ.

"ހަމް ދިލް ދެ ޗުކެ ސަނަމް"އަށްފަހު ސަލްމާންއާއި އައިޝްވާރްޔާ ލޯބީގެ ގޮތުން ގުޅުނުއިރު އެ ގުޅުން ނިމިގެން ދިޔައީ ވަރަށް ހިތި ގޮތަކަށް ޖިސްމާނީ އަނިޔާގެ ތުހުމަތާއެކީގަ އެވެ.

އޭގެ ފަހުން އައިޝްވާރްޔާ ދެން ލޯބީގެ ގޮތުން ގުޅުނީ ވިވެކްއާ އެވެ. މިކަމުގެ ސަބަބުން ސަލްމާން ރުޅިގަދަވިއިރު ވިވެކް ވަނީ އައިޝްވާރްޔާއާ ގުޅުވައިގެން ސަލްމާން އޭނާއަށް އިންޒާރުދިން ކަމަށް ވެސް އިންޓަވިއުއެއްގައި ބުނެފަ އެވެ.

އެ އިންޓަވިއުއާއެކު ސަލްމާންގެ ރުޅިގަނޑު އިތުރަށް ގަދަވިއިރު ވިވެކް ބޮލީވުޑުން "ފުހެލަން" ސަލްމާންއަށް ކުރެވެން ހުރި ހުރިހާ ކަމެއް އޭނާ ކުރި ކަމަށްވެ އެވެ. ނަތީޖާއަކަށްވީ ވިވެކްގެ ބޮލީވުޑް ކެރިއަރު ނިމުމަކަށް އައުމެވެ.

އޭގެ ފަހުން އައިޝްވާރްޔާ ކައިވެނިކުރީ ބޮލީވުޑްގެ މަޝްހޫރު ބައްޗަން އާއިލާއަށް ނިސްބަތްވާ އަބީޝޭކް ބައްޗަންއާ އެވެ. އެ ކައިވެންޏަށް ދަރިއަކު ވެސް ހުރެ އެވެ.