'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ މިއަދު ހުޅުވާލި ފުރުސަތުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓު މި ދައުރުގެ ތެރޭ ނިންމާ ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ޖުމްލަ 15،000 ބިން އަދި 7،900 ފްލެޓް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުއްތޮލިބު މިއަދު ވިދާޅުވީ މި ދައުރުގެ ތެރޭގައި ގޯތިތައް ދީ، ރަޖިސްޓްރީ ހަދައިދީ، އިންވަކިކޮށް އަދި ގޯތި ހަވާލު ކުރާނެ ކަމަށެވެ.
މިއަދު އިއުލާނު ކުރި ފްލެޓަކީ ފައިސާ ހަމަޖެހި، ޔަގީންވެފައިވާ އަދަދު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
2008ގެ ފަހުން އެއްވެސް ސަރުކާރަކުން ފެށި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ނިންމައި ދައުރު ތެރޭގައި މީހުން ވެއްދިފައި ނުވާކަން ފާހަގަކުރައްވަމުން މުއްތޮލިބު ވިދާޅުވީ މި ސަރުކާރުން އެކަން ބަދަލު ކުރާނެ ކަމަށެވެ.
މި ސްކީމްގެ ދަށުން މާލޭގެ ރަށްވެހިންނަށް 10،000 ބިން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާއި ލާޖައްސައިގެން ބަދަލުކުރާ ފަރާތްތަކަށް 1،500 ބިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭ ރަށްވެހިންނަށް 4،000 ފްލެޓް ދެ އެވެ. އެކަމަކު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނަށް ދެނީ 1،500 ފްލެޓެވެ. އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޖުމްލަ 2،400 ފްލެޓް ދިނުމަށް ވަނީ ނިންމާފަ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ބިމަށް އެޕްލައިކުރުމުގެ މުއްދަތު މާޗު 4، ގެ 23:59 އަށް ހަމަވާނެ ކަމަށެވެ. އަދި ފްލެޓަށް އެޕްލައިކުރުމުގެ މުއްދަތު ހަމަވާނީ އެޕްރީލް 17، ގެ 23:59 ގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ދަރިންނަށް ގިނަ ގެއްލުންތަކެއް!
ޝާހްރުކް ޚާން ޑޮން 3އަށް އަނބުރާ އަންނަނީ؟
ކައުންސިލް އިންތިހާބުގެ ޝަކުވާ ބަލަން ބިއުރޯއެއް އުފައްދައިފި