ލޯކަލް ކައުންސިލްތަކަކީ އޭރަކު އޮންނަ ސަރުކާރަކަށް ޖެއްސުންކޮށް ޖަދަލުކުރާން ގާނޫނީ ގޮތުން އުފައްދާ އިދާރާތަކެއް ނޫން ކަމަށާއި އެއީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ހިދުމަތްތަކާއި ރަށްވެހި ތަރައްގީ ގެނައުމުގެ މަސައްކަތް ކުރާ ތަނެއް ކަމަށް ވިދާޅުވެ، މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް ރައްދު ދެއްވައިފި އެވެ.
އަރީޝް މިހެން ވިދާޅުވެ މާލޭގެ މޭޔަރު ކަމަށް އައުމަށް މަސައްކަތް ކުރައްވަމުން އަންނަ އަލީ އާޒިމަށް ރައްދުދެއްވާފައި މިވަނީ މިހާރުގެ ރައީސް އަދި ކުރީގެ މޭޔަރު މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މާލެއިން ނުއަގުގައި ބިންތައް ދިނުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހައާ ގުޅިގެންނެވެ.
އާޒިމް މިފަދައިން ވިދާޅުވެފައި ވަނީ އޮންލައިން ނޫސް "އަދަދު" ނޫހުން ގެނެސްދޭ އެތެރެފުށް ނަމަކަށް ކިޔާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މޭޔަރުކަމަށް އިންތިހާބުވެއްޖެނަމަ މާލޭގެ ބިންތައް ނުއަގުގައި މުއިއްޒު ދިން މައްސަލަ ފުލުހަށް ހުށަހެޅުމުގެ ބަދަލުގައި، ސިޓީ ކައުންސިލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އޭނާ މުއިއްޒު ގޮވައިގެން ކޯޓަށް ދާނެ ކަމަށެވެ.
"މިއަދުވެސް އެބައޮތް ސިޓީ ކައުންސިލަށް މުއިއްޒު ގޯސްކޮށް ކޮށްފައި ހުރި ކަންކަމުގެ ބަދަލު ހޯދަން ކޯޓަށް ދެވެން. ބަދަލު ހޯދަން. އެއީކީއެއް ކޮންމެހެން ފުލުސް އޮފީހަށް ހުށަހަޅަންޖެހޭ މައްސަލަތަކެއް ނޫން. މަދަނީ މައްސަލަތަކަކީ ސީދާ ކޯޓަށް ދެވޭނެ ގޮތަށް ގާނޫނުގައި ވެސް އެބައޮތް ސިޓީ ކައުންސިލަށް. އަޅުގަނޑު އިރާދަކުރެއްވިއްޔާ ދާނަން ކޯޓަށް ބަދަލު ހޯދަން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މާލެ ސިޓީން ނުއަގުގައި ދީފައި ހުރި ބިންތަކުގެ މައްސަލަ ހައްލުކުރަން ބިންތައް ދީފައި ތިބި މީހުންނާ ވާހަކަ ދައްކާނެ ކަމަށާއި ވާހަކަ ދައްކައިގެން ވެސް ހައްލުވާނަމަ ކޯޓަށް ގޮސްގެން އެ ބިންތަކުގެ އެއްބަސްވުންތައް ބާތިލުކޮށް އަތުލާނެ ކަމަށެވެ.
އާޒިމްގެ މި ވާހަކަތަކަށް ރައްދުދެއްވައި ޑެޕިއުޓީ މޭޔަރު އަރީޝް ވިދާޅުވީ އޭނާ އެފަދައިން ވާހަކަދެއްކެވީ ހަގީގަތްތައް ހަޖަމު ނުކުރެވިގެން ކަމަށާއި އެއީ ކޯޓުތަކަށް އަބަދު ދުވެ، ދައުވާތައްކޮށް، މީހުންނަށް ބިރުދައްކާ ގޭންގެއްގެ ގޮތުގައި މާލެ ސިޓީ ހިންގުން ކަމަށް ސިފަވާ ގޮތަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.
އަރީޝް ވިދާޅުވީ ލޯކަލް ކައުންސިލްތަކަކީ އޭރަކު އޮންނަ ސަރުކާރަކަށް ޖެއްސުންކޮށް ޖަދަލުކުރާން ގާނޫނީ ގޮތުން އުފައްދާ އިދާރާތަކެއް ނޫން ކަމަށާއި އެއީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ހިދުމަތްތަކާއި ރަށްވެހި ތަރައްގީ ގެނައުމުގެ މަސައްކަތް ކުރާ ތަނެއް ކަމަށެވެ.
މާލޭގެ މޭޔަރު ކަމަށް އަލީ އާޒިމް ކުރާ ކެމްޕެއިނަކީ މާލެއަކީ "ވަކި ޕާޓީއެއްގެ ސިޔާސީ ގޮތްޕަކަށް ހަދައިގެން ރެޔާދުވާލު މުޒާހަރާކޮށް ކޯޓުތައް ހައިޖެކް ކުރާ ތަނެއް ގޮތަށް ހަދާނެކަމަށް ބުނެ ކުރާ ކެންޕެއިނެއް" ކަމަށް ވެސް އަރީޝް ސިފަކުރެއްވި އެވެ. އަދި އެގޮތަށް ކުރާ ކެމްޕެއިނަކުން ރައްޔިތުންގެ ވޯޓު އިތުރެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭގެ މޭޔަރުކަން ރައްޔިތުންގެ ވޯޓުން ކާމިޔާބުކުރަން އެދޭނަމަ ދައްކަންވީ މާލޭގެ މުނިސިޕަލް ހިދުމަތްތަކަށް ގެންނާނެ ހެޔޮ ބަދަލުގެ ވާހަކަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަމާހުގެ ލީކުވި އޯޑިގައި ބުނާ އަޒުހަދު މަގާމުން ދުރުކޮށްފި
ގއ. އަތޮޅާއި މާލޭގައި ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް ހިންގަނީ
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 5 ގައި