އިންތިޚާބުތަކާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރާ ކަމުގެ މައްސަލަތައް އިތުރުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޑިރެކްޓަ އޮފް ޕްރިވެންޝަން، އެޑިއުކޭޝަން އެންޑް އެޑްވޮކަސީ އަލީ ޝަމީމް އާދަމް ވިދާޅުވީ އިންތިޚާބާއި ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރާ ކަމުގެ މައްސަލަތައް އިތުރުވާ ކަމަށް އެ ކޮމިޝަނަށް ފާހަގަ ކުރެވޭ ކަމަށާއި އެގޮތުން އިންތިޚާބު ކާމިޔާބު ކުރުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.
ޝަމީމް ވިދާޅުވީ އިންތިޚާބާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އިންތިޚާބު ކައިރިވުމުން، އިންތިޚާބު ކާމިޔާބު ކުރުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުން އަންނަކަން ފާހަގަކުރެވޭއިރު، މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އެކަން ކަންކަން ހުއްޓުވުމަށް ކަމަށެވެ.
"އިންތިޚާބު ކައިރިވުމުން ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަކީ މިވަގުތު އަޅުގަނޑުމެން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަންތައް،" ޝަމީމް ވިދާޅުވި އެވެ.
އެގޮތުން އެކަންކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް އޭސީސީއިން މިހާރު ކުރަމުންދާ ކަމަށާއި އިންތިހާބާއި ކައިރިކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހަކީ ރަނގަޅު އިސްލާޙެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅޭ މައުލުމާތު ދެއްވަމުން ޝަމީމް ވިދާޅުވީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންތިޚާބުތަކާ ގުޅިގެން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށާއި އެގޮތުން މީގެ ކުރިން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ކައުންސިލް މެންބަރުންގެ ގޮތުގައި ތިއްބަވާ އެކި ފަރާތްތަކުން ކައުންސިލްތަކުގެ ވަސީލަތްތަކާއި މަގާމުތައް އިންތިޚާބުގައި ކާމިޔާބު ހޯދުމަށް ބޭނުން ކުރާކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް އެންމެފަހުން އެންމެފަހުން ގެނައި އިސްލާޙަށް އަމަލުކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. މި އިސްލާޙުގެ ދަށުން ކައުންސިލް ދައުރުގެ ފަހު އަހަރު ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރު ސަރަޙައްދު ކުއްޔަށް ދިނުމާއި، ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށޭނީ، މާލީ ކަންކަން ހިންގުމާ ބެހޭ ވުޒާރާ އާއި ލޯކަލް ގަވާމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އޭސީސީއިން ބުނީ އިންތިޚާބާއި ގުޅިގެން އެކޮމިޝަނުން މިހާރު ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ، މި ލާމަރުކަޒީ ގާނޫނަށާއި، އިންތިހާބީ ކުށްތަކަށް ދައުލަތުގެ އެކި އިދާރާތަކާއި ގުޅިގެން މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އިލެކްޝަން ކޮމިޝަނާއި ގުޅިގެން މިހާރު ވެސް ބައެއް ރަށްތަކުގައި މިފަދަ ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އާންމުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވެ އެވެ.
ވެދާންގްއާއި ހުޝީގެ ގުޅުން ނިމުމަކަށް!
ދިރާގު ލިމިޓެއް ނެތް ފައިބާގެ ހާއްސަ ޕްރޮމޯޝަނެއް!