ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ދުބާއީ ސްޓައިލްގެ "ކުނަފާ" ޗޮކްލެޓް ކެއުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ފުޑް ސްޓޭންޑަޑް އޭޖެންސީ (އެފްއެސްސީ)އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އެފަދަ ބައެއް ޗޮކްލެޓްތަކުގެ ސިއްހީ ރައްކާތެރިކަމާއި ލޭބަލް ކުރުމުގެ މިންގަނޑުތަކަށް ނުފެތޭ ކަމަށެވެ.

އެގޮތުން އެ ޗޮކްލެޓުތަކުން ބައެއް ކަހަލަ ބަދަނުގެ ބާވަތްތައް ފާހަގަ ކުރެވިފައިވާއިރު އެ ތަކެތި ޗޮކްލެޓުގައި ހިމެނިފައިވާ ކަމަށް ލޭބަލްގައި ނުހިމެނޭ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އެހެން ކަމުން އެފަދަ ޗޮކްލެޓްތައް ވާނީ އެ ބާވަތްތަކަށް އެލާޖިކްވާ މީހުންނަށް ނުރައްކާތެރި އެއްޗަކަށް ކަމަށާއި އެއިން ފުރާނައަށް ވެސް ނުރައްކާ ވެދާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ އިދާރާއިން އިތުރަށް ބުނީ މިކަމާ ބެހޭ އިތުރު ތަހުލީލުތައް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަސް މުސްތަގުބަލެއްގައި އޭގެ ނަތީޖާތައް ލިބޭނެ ކަމަށެވެ.

މައިގަނޑު އިންގްރީޑިއަންޓް އެއްގެ ގޮތުގައި ކޮކޯއާއި ޕިސްޓާޗިއޯ ހިމަނައިގެން އުފައްދާ ކުނަފާ ޗޮކްލެޓަކީ ދުބާއީއަށް ޒިއާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު އުފެއްދުމެކެވެ.