ރައްޔިތުން ދީނީގޮތުން ހޭލުންތެރިކުރުވުމުގައި މުހިންމު ދައުރެއް އަދާކުރައްވަމުން އަންނަ ޝައިހް މުހައްމަދު އިބްރާހީމްގެ ސިއްހީ ހާލަތު ގޯސްވެ އާންމުންގެ އެހީއަށް އެދުނުތާ 24 ގަޑިއިރު ނުވަނީސް ބޭސްފަރުވާއަށް މިވަގުތަށް ބޭނުންވާ ފައިސާ ލިބިއްޖެ އެވެ.

ޅ. ނައިފަރަށް އުފަން ޝައިހް މުހައްމަދު އިބްރާހިމް ބަލިކޮށް އުޅުއްވާތާ ދެތިން އަހަރު ވެއްޖެ އެވެ. އޭނާ 2019 ވަނަ އަހަރާއި 2023 ވަނަ އަހަރު ކުރި އޮޕަރޭޝަން ވެސް ކާމިޔާބެއް ނުވި އެވެ.

ދެ ލޮލުގެ ފެނުން ގެއްލުމުގެ އިތުރުން ހަށިގަނޑުގައި ޓިއުމަރެއް ވަނީ އުފެދިފަ އެވެ.

ޝައިހް މުހައްމަދު އިބްރާހިމްގެ ބޭސްފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް އެހީ ޖަމިއްޔާ އިން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ.

އެހީ ޖަމިއްޔާގެ ރައީސް އަހުމަދު އިގްބާލް ވިދާޅުވީ އެ ޖަމިއްޔާއިން ވެސް ބޭނުންވަނީ ރަނގަޅަށް ފަރުވާ ކުރެވޭނެ ތަނަކަށް ގޮސް ޝެއިހް މުހައްމަދު އިބްރާހީމަށް ފަރުވާ ހޯދަން ކަމަށެވެ. އެހެންވެ އެ ޖަމިއްޔާ އިން ވަނީ "އެދިހަ" ނަމުގައި ޝައިހަށް އެހީވުމަށް ޕޯޓަލެއް ހަދައިފަ އެވެ.

އާއިލާ އިން މައުލޫމާތުދޭގޮތުގައި ޝައިހް މުހައްމަދު އިބްރާހިމްގެ ލޮލުގެ ކަންކަމާއި ހުރިހާ ޓެސްޓު ހެދުމަށް ފުރަތަމަ ދަތުރުގައި އެކަނި ވެސް 20،000 ޑޮލަރު ބޭނުންވެއެވެ. އެއީ، އެހީތެރިންނާއި ކެއުމާއި ހުރުމުގެ ހަރަދާ އެކު ހިނގާނެ ހަރަދެވެ.

އެހީ ޖަމިއްޔާ އިން ބުނީ މިއަދުގެ ހެނދުނާ ހަމައަަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ 1،300 އަށް ވުރެ ގިނަ މީހުންގެ ފައިސާގެ އެހީ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ލޮލުގެ ފަރުވާއަށް ފައިސާ ލިބިއްޖެ ނަމަ ލޮލުގެ ފެނުން އަލުން ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.

ދިނީ އިލްމު ފެތުރުއްވުމަށް ގިނަ އަދަދެއްގެ ފޮތްތައް ވެސް ލިޔުއްވާފައިވާ ޝައިހް މުހައްމަދު އިބްރާހީމަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދާއެއްކޮށް މަދީނާގައި ކިޔަވާ ވިދާޅުވި ބޭފުޅެކެވެ. އޭނާ އަކީ ޅ. ނައިފަރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.