ރައީސް މުހައްމަދު މުއިއްޒު، ވިޔަފާރިވެރިންގެ ހިޔާލު ހޯއްދަވަން ބުދަ ދުވަހު ބައްދަލުކުރެއްވުމެއް ބާއްވަވާނެ ކަމަށް މިއަދު އިއުލާންކޮށްފިއެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުދަ ދުވަހުގެރޭ، ދިވެހި ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރެއްވުން އޮންނާނެ ކަމަށެވެ.
އެއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ހިޔާލާއި މަޝްވަރާ ހޯއްދަވައި، ރައްޔިތުންގެ ކަންބޮޑުވުން ސީދާ ގޮތެއްގައި އަޑުއެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށް ހީނާ ވިދާޅުވި އެވެ.
އެ ބައްދަލުވުން އޮންނާނީ ސޯޝަލް ސެންޓަރުގައި ކަމަށާއި، ބައްދަލުކުރެއްވުމުގައި ބައިވެރިވުމަށް ދިވެހި ވިޔަފާރިވެރިންނަށް ދައުވަތު އަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރު ތެރޭގައި ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭގެ ތެރޭގައި، މި ސަރުކާރުން ޚަރަދު ކުޑަ ކުރުމަށް ފިޔަވަޅު އެޅުމުގެ ގޮތުން، މަޝްރޫއުތައް އަމިއްލަ ކުންފުނިތަކަށް ދިނުމުގެ ބަދަލުގައި ދައުލަތުގެ ކުންފުނިތަކަށް ދިނުން ހިމެނެ އެވެ.
ސަރުކާރުން މަޝްރޫއުތައް އެފަދަ ގޮތަކަށް ހަވާލުކުރުމުން، އަމިއްލަ ކުންފުނިތަކަށް ފުރުސަތުތައް ގެއްލި، އަމިއްލަ ވިޔަފާރީގައި ފައިސާ ދައުރުވުން މަދުވި ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ.
އޭގެ ފަހުން މިދިޔަ މަހު ސަރުކާރުން އެއް ފަަހަރާ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކަށް ވަނީ ބަހާލާފައި އެވެ. ނަމަވެސް ބީލަމަށް ނުލައި އެ މަސައްކަތްތައް ހަވާލުކުރުމުންނާއި، ސަރުކާރުގައި ހިމެނޭ ބޭފުޅުންގެ ކުންފުނިތަކަކަށް ވެސް މަޝްރޫއުތައް ދިނުމުން އަނެއްކާވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުވި އެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުގެ ބިލުތައް ޝާމިލުވާ ގޮތަށް، އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާ ނުދީ ހިފަހައްޓައި، ވިޔަފާރިތައް ބަނގުރޫޓުކޮށްލާފައިވާ ކަމުގެ ތުހުމަތުތައް ވެސް އަމާޒުވި އެވެ.
ހަމައެއާއެކު، ރައީސް ވެރިކަމަށް ވަޑައިގަތީ ޑޮލަރުގެ އަގު ދަށްކުރުމަށާއި ކަޅު ބާޒާރު އުވާލުމުގެ ވައުދުފުޅާ އެކުގައި ނަމަވެސް، ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކާ ގުޅިގެން ޑޮލަރުގެ އަގު 20 ރުފިޔާއިން މައްޗަށް އުފުލި، ވިޔަފާރިވެރިންނަށް ވަނީ ބޮޑެތި ދަތިތަކާ ދިމާވެފަ އެވެ.
އަޖޭގެ ފިލްމީ ހަޔާތުގައި ނުވެ އޮތް ކަމެއް!
އައިއެސްޑީބީން ރާއްޖެ އަށް 4 ލައްކަ ޑޮލަރުގެ ހިލޭ އެހީއެއް
ރަޝިއާގެ މުދަލާއި ފައިސާ ހިފަހައްޓަން އީޔޫ އިން ނިންމައިފި