ދިވެހީން ބިދޭސީންނަށް ބަރޯސާވުން ހުއްޓާލައި، އަމިއްލަ މަސައްކަތުން އުފެއްދުންތެރި ބަޔަކަށްވާން ޖެހޭކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެވެ!" މިއެވެ.
ޚުތުބާގައި ބުނީ އިންސާނުން ދިރިއުޅުމަށްޓަކައި ދުނިޔެ ޢިމާރާތްކޮށް އާރާސްތުކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށެވެ. އިންސާނުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ކޮންމެވެސް އެއް ބަޔަކު ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މަސައްކަތްކުރުމަށް ގޮވައިލައްވައި، މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވާ ގޮތުން ނަމާދުކޮށް އަވަދިވެއްޖެ ހިނދު، ބިމުގައި ފެތުރިގަނެ (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުމެ)، ﷲގެ ފަޟްލުވަންތަކަމުން އެދުމަށާއި ގިނަގިނައިން ﷲ ހަނދުމަކުރުމަށް ވަނީ އަންގަވާފަ އެވެ.
އެއީ މުސްލިމުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ. އިސްލާމް ދީނުގައި، ހުއްދަކުރައްވައިފައި ވަނީ، ހަލާލު ގޮތުގައި އާމްދަނީ ހޯދުމެވެ. ވިޔަފާރިކުރުން ހުއްދަކުރައްވައި، ރިބާއާއި ޖުވާ އަދި ބަނގުރާ ފަދަ ޙަރާމް މުޢާމަލާތްތަކުން ދުރުހެލިވުމަށް ވަނީ އިރުޝާދުދެއްވާފަ އެވެ.
މުސްލިމުންނަކީ އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ވާންޖެހޭނެކަމަށް ޚުތުބާގައި ފާހަގަކުރެއްވި އެވެ. މިފަދަ ބަޔަކަށް ވެވޭނީ، މަސައްކަތް ދަންނަ، މަސައްކަތްކޮށްގެން ތަކެތި އުފައްދާ ބަޔަކަށް ވެގެންނެވެ.
ﷲ ތަޢާލާ ވަނީ ދުނިޔޭގެ ބިމާއި، އެ ބިމުގައި އުފެދޭ ގަސްހަގާގެއްސާއި، ކަނޑުގައި ދިރިއުޅޭ މަސްމަހާމެއްސާއި، އެހެނިހެން ތަކެތި އިންސާނާއަށްޓަކައި ޚިދުމަތްތެރިކުރައްވައިފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ހަދީސް ބަސްފުޅެއްގައި، ގިޔާމަތް ގާއިމުވާ ހިނދުވެސް، ކަދުރު ނިރެއް އަތުގައި އޮތް ނަމަ، އޭނާއަށް ކުޅަދާނަވެގެންވާ ނަމަ ގިޔާމަތްވުމުގެ ކުރީން އެ ނިރު އިންދާހުށިކަމަށް ވަނީ އަންގަވާފަ އެވެ.
މީގެން ދޭހަވަނީ، ކާބޯތަކެތި އަޅާ ގަސްއިންދުމާއި މީސްތަކުންނަށް މަންފާ ލިބެނިވި ކަންކަންކުރުމަށް އިސްލާމްދީނުގައި ދެވިފައިވާ ބޮޑު އިސްކަމެވެ. ޚުތުބާގައި އިތުރަށް ބަޔާންކުރައްވައިފައިވަނީ ދަނޑުގޮވާންކުރުމާއި، މަހަށްފަރަށް ދިއުމާއި، ދިރިއުޅުމަށްޓަކައި މަސައްކަތްކުރުމަކީ ދަށުދަރަޖައިގެ ކަމެއް ނޫންކަމެވެ. މާތް ﷲ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް ބަޔަކީ ރަސޫލުންނާއި ނަބީން ކަމަށާއި، އެ ބޭބޭކަލުންވެސް މަސައްކަތްކުރެއްވިކަން ވަނީ ހަނދާންކޮށްދީފައެވެ. އެގޮތުން، ނަބިއްޔާ ދާއޫދު ޢަލައިހިއްސަލާމް ކަނބުރުކަން ކުރެއްވިކަމާއި، ނޫޙު ޢަލައިހިއްސަލާމް ވަޑާމުގެ މަސައްކަތްކުރެއްވިކަމާއި، ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ވިޔަފާރިކުރެއްވިކަން ފާހަގަކުރެއްވި އެވެ.
ނަމަވެސް، ޚުތުބާގައި ކަންބޮޑުވުން ފާޅުކުރައްވައިފައިވަނީ، މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެފައިވާތީ އެވެ. އަދި އިޤްތިޞާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށައިފައިވާތީއެވެ."މިއަދު މަހަށް ފުރާނެ ދިވެހި ފަޅުވެރިއަކު ނުވެއެވެ. ދިވެހި އިޤްތިޞާދުގެ އެއް މައިނާރަކީ މަސްވެރިކަންކަމުގައިވީ އިރު، އެ ސިނާޢަތު އޮންނާންވާނީ ދިވެހީންގެ އަތްމަތީގައި" ހުކުރު ޚުތުބާގައި ބަޔާންކުރި އެވެ.
ދިވެހީންނަކީ އެހެން ބަޔެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، ބޭނުންތައް ފުއްދާނެ ގޮތްތަކާއި ވަސީލަތްތައް އަމިއްލައަށް އުފައްދައި، އޭގެ ބޭނުންހިފާ ބަޔަކުކަމުގައި ވުމަށް ވެސް ޚުތުބާގައި ގޮވައިލެއްވިއެވެ.
ޚުތުބާގައި ބުނެފައިވަނީ މިނިވަން ވެރިކަމެއް ކުރެވޭނީ، މުސްލިމުންނަކީ ބާރުވެރި މިނިވަން ބަޔަކަށް ވެގެން، ފުދުންތެރި އިގްތިސާދެއް އޮތް ބަޔަކަށް ވެގެން، ސަރަހައްދު ޙިމާޔަތްކުރެވޭ ފަދަ ވަސީލަތްތަކެއް ހުރި ބަޔަކަށް ވެގެންކަމަށެވެ. އަދި ދުނިޔެއަށް އަންނަ ޢިލްމީ ކުރިއެރުންތަކާ ފައިހަމަކުރެވޭނެ، ޢިލްމު އުނގެނި، އަމިއްލަ ފައިމައްޗަށް ތެދުވެތިބި، ހީވާގި، އުފެއްދުންތެރި ބަޔަކަށް ވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފަ އެވެ.
މޭގަންގެ ކިބައިގައި ގޯސް އެތައަ އާދަތަކެއް!
އާއްމުކޮށް ބަނޑު ހަރުވާނަމަ ވިސްނުން ކޮށިވޭ: ދިރާސާ
ހުޅުމާލޭ ފަޅުގައި އޮތް މަސް ދޯނިތަކަށް އިމިގްރޭޝަނުން އަރައިފި