މިދިޔަ ނޮވެމްބަރު މަހު ޖުމްލަ 2.20 ބިލިއަން ރުފިޔާގެ އާމްދަނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ބަލައިގެންފި އެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 16.6 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، ނޮވެންބަރު 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 6.7 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާއިން ބުނިގޮތުގައި، ނޮވެންބަރު 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ނޮވެންބަރު 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހުގެ އިތުރުން އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މިއީ، އޮކްޓޫބަރު 2024 އާ އަޅައިބަލާއިރު އޮކްޓޫބަރު 2025 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 10.3 ޕަސެންޓަށް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ.
1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމާ ގުޅިގެންވެސް ނޮވެންބަރު 2025 ގެ އާމްދަނީ ނޮވެންބަރު 2024 ގެ އާމްދަނީއަށްވުރެ ވަނީ އިތުރުވެފަ އެވެ.
ނޮވެންބަރު 2025 އަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 6.7 އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ގްރީން ޓެކުހާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ ގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.
މީގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމުގެ ސަބަބުންނެވެ. އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީއިން ލިބުނު އާމްދަނީއަކީ ނޮވެންބަރު މަހު ލިބޭނެކަމަށް އަންދާޒާ ކޮށްފައިނުވާ އާމްދަނީތަކެވެ.
ނޮވެންބަރު 2025 ގައި ލިބިފައިވާ އާމްދަނީގެ 19.7 ޕަސެންޓަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ 21.0 ޕަސެންޓް ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށާއި މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް މީރާ އިން ބުންޏެވެ.
ނޮވެންބަރު 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއެވެ. އެއީ 56.1 ޕަސެންޓް ނުވަތަ 57.9 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ 12.0 ޕަސެންޓް ނުވަތަ 12.4 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 11.4 މިލިއަން ރުފިޔާ (11.0 ޕަސެންޓް)، ޑިޕާޗާ ޓުކުހުގެ ގޮތުގައި 10.7 މިލިއަން ރުފިޔާ (10.4 ޕަސެންޓް)، އާމްދަނީ އިން ނަގާ ޓުކުހުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ (4.4 ޕަސެންޓް) އަދި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި 2.9 މިލިއަން ރުފިޔާ (2.8 ޕަސެންޓް) ބަލައިގަނެފައިވެ އެވެ.
ނޮވެންބަރު 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 103.23 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ބީއެމްއެލް އިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ތައާރަފްކޮށްފި
އާއްމުކޮށް ބަނޑު ހަރުވާނަމަ ވިސްނުން ކޮށިވޭ: ދިރާސާ
ބޮޑުކަންނެލީގެ މަސްވެރިން މުޒާހަރާއަށް ނުކުތުމުން ވައުދު ފުއްދަނީ
