ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މާވެލްގެ ކާމިޔާބު ހޮލީވުޑް ފިލްމު "އެވެންޖާސް: އެންޑްގޭމް" އަލުން ސިނަމާތަކުގައި އަޅުވަން ނިންމައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި މާވެލްއިން އެ ފިލްމު އަލުން ރިލީޒް ކުރަން ނިންމީ އެ ފްރެންޗައިޒްގެ ކުރިއަށް އޮތް ފިލްމު "އެވެންޖާސް: ޑޫމްސްޑޭ"ގެ ކުރިން ކުރީގެ ފިލްމުގެ ހަނދާންތައް ތާޒާކޮށްލުމުގެ ފުރުސަތު ދޭށެވެ.

އެގޮތުން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެ ފިލްމު ސިނަމާތަކުގައި އަޅުވާއިރު ފިލްމު ދައްކާނީ ކިހާ މުއްދަތަކަށް ކަމެއް މާވެލްއިން ބުނެފައެއް ނުވެ އެވެ.

2019 ވަނަ އަހަރު އެންމެ ފުރަތަމަ ރިލީޒްކުރި "އެވެންޖާސް: އެންޑްގޭމް"ގެ ރީ ރިލީޒްއާއެކު އެވެޓާ ފަހަތަށް ޖައްސާލައި ދުނިޔޭގެ އެންމެ ކާމިޔާބު ފިލްމަށް ވުމުގެ ފުރުސަތު އެ ފިލްމަށް އެބަ އޮތެވެ.

"އެވެންޖާސް: އެންޑްގޭމް"ގެ އިތުރުން ވެސް މާވެލްގެ ދެ ފިލްމެއް އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެ އެވެ. އެއީ "އެވެންޖާސް: ޑޫމްސްޑޭ"އާއި "ސްޕައިޑަމޭން: އަ ބްރޭންޑް ނިއު ޑޭ" އެވެ.

އެގޮތުން އަންނަ ޖުލައި މަހު ސްޕައިޑަމޭން ފްރެންޗައިޒްގެ ފިލްމު ރިލީޒް ކުރާއިރު އެވެންޖާސްގެ އާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.