ރައީސް މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ކުރިއަށްގެންދަ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޭއިރު ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ އިސްކަމެއް ދިނުމަށް އުސޫލުގައި ހިމަނައިފި އެވެ.
ހައުސިން މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ޝަރުތު ފުރިހަމަވަ އެޕްލިކަންޓުންގެ ތެރޭގައި ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނުކުރާ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް އިސްކަން ދޭނެ އެވެ.
ފްލެޓް ދިނުމުގައި އިސްކަންދޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، އަލަތު ކައިވެނިކުރާ ފަރާތްތައް ނުވަތަ ޒުވާން އާއިލާތައް ހިމެނެ އެވެ.
މީގެ އިތުރުން މާލޭގައި އާއިލާ ބިނާކޮށްފައިވާ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި މާލޭގައި އާއިލާ ބިނާކޮށްފައިވާ، ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާއި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން މަސްވެރިންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ އިތުރުން މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމުވެފައިވާ ފަރާތްތަކާއި ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއިން ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓް ހަވާލުކޮށްފައިނުވާ ފަރާތްތައް ވެސް އިސްކަން ދޭ ފަރާތްތަކުގެ ތެރޭގައި ހިމެނެ އެވެ.
މީގެ އިތުރުން ދެން ހިމެނެނީ ދިރިއުޅޭނެ ބޯހިޔާވެހިކަމެއް ނެތި މަލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކަނޑައަޅާ، ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވެހިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ފަރާތްތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
ފްލެޓަށް ކުރިމަތިލައިގެން އެންމެ ގިނައިން ވެސް ލިބޭނީ 150 ޕޮއިންޓް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ފްލެޓު ސްކީމަށް ޕޮއިންޓު ދޭއިރު ބަލާކަންކަމުގެ ތެރޭގައި:
- މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތަށް
- އެ އާއިލާއެއްގެ ގޯތިގެދޮރުގެ މިލްކުވެރިކަން
- ގޭބިސީގެ ޖުމްލަ އާމްދަނީ
- އެ އާއިލާއެއްގެ ބެލުމުގެ ދަށުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި މައިންބަފައިންނަށް
- އާއިލާގެ ހާލަތު (ދަރިންގެ އަދަދު، ނުވަތަ ސިއްހީ ސަބަބަކާ ހެދި ދަރިން ނުލިބޭނަމަ)
މާލޭ ސަރަހައްދުން ފްލެޓު ދެނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލޭ ރަށްވެހިންގެ ކެޓެގަރީ އާއި މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓެގަރީ އެވެ.
މާލޭގެ ރަށްވެހިން ކަމުގައި ބަލަނީ އުފަންވީއްސުރެ މާލޭ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނާއި، މާލޭ ރަށްވެހިކަމުގެ ދަފްތަރުގައި ޖެހިފައިވާ މީހުންނާއި ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނެވެ.
ފްލެޓަށް އެދި ހުށަހެޅުމަށް ސަރުކާރުން ދެ މޮޑެލްއެއް ގެންގުޅެ އެވެ. އެއް މޮޑެލްއަކީ ބޭންކުތަކުން ދޫކުރާ ހައުސިން ފައިނޭންސް ފެސިލިޓީތަކަށް ޝަރުތުހަމަވާ، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ މީހުންނަށް ހާއްސަ "އެފޯޑަބަލް ހޯމް އޯނާޝިޕް މޮޑެލް" އެވެ. މިއީ ތަނަވަސް އާއިލާތަކަށް އަމާޒުކޮށް ފަރުމާކޮށްފައިވާ މޮޑެލްއެކެވެ.
ސަރުކާރުން ފްލެޓް ދިނުމުގައި ގެންގުޅޭ ދެވަނަ މޮޑެލްއަކީ "ރެންޓް-ޓު-އޯން މޮޑެލް" އެވެ. އެ މޮޑެލްގެ ދަށުން ޔުނިޓް ހަވާލުކުރެވޭ ފަރާތުން މަހުން މަހަށް ފައިސާދައްކަންޖެހޭނެ އެވެ. އަދި ޔުނިޓުގެ ޖުމްލަ އަގު ކުލީގެ ގޮތުގައި ދައްކާ ނިމުމުން ބޯހިޔާވެހިކަން ލިބުނު ފަރާތަށް ޔުނިޓް މިލްކު ކުރެވޭނެ އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރި 7000 ފްލެޓާއި ރަސްމާލޭން ދޫކުރާ 15،000 ގޯތި ދޫކުރަނީ މި ސްކީމުތަކުގައި ކަނޑައެޅި އުސޫލުތަކުގެ ދަށުންނެވެ.
ކަސްރަތު ކުރާއިރު ދާ ނުހިއްލުމަކީ ގޯހެއްތަ؟
ނޭނގި ނަމަވެސް ދަރިންނަށް ނަފްސާނީ ގެއްލުން ދެވޭ!