ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރީ ކުރިން އިތުރުކުރި ބަންދުގެ މުއްދަތު ހަމަވާތީ މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

އެ މައްސަލާގައި ހައްޔަރުކުރި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ މި މަހުގެ 25 ވަނަ ދުވަހު އަމުރުކޮށްފަ އެވެ.

ދިގައްޔާއި އާއްޓޭ އަށް ތުހުމަތު ކުރަނީ 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރު އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ އެ ދެ ކޮންޓެއިނަރު ވަގަށް ނެގުމުގެ އޮޕަރޭޝަނަށް ފަންޑުކުރި ކަމުގެ ތުހުމަތެވެ.

އެ މައްސަލާގައި ދެން ހައްޔަރުކޮށްފައިވާ މީހުންނަކީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާނާއި ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަމީމް، 42، އާއި ހ. ރުމޭނިއާ، އަހުމަދު ފިރުޝާން، 35، އަދި އައްޑޫ ހިތަދޫ، ޗާންދަނީގޭ، ހުސައިން ސާމިހް، 35، އެވެ.