ފިލްމީ ތަރިންނަކީ އާއްމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އެ ބައެއް ނަމޫނާއަކަށް ބަލާ ބައެކެވެ. އެހެން ނަމަވެސް މަދުން ނަމަވެސް އެ ތަރިންގެ ނަމުގައި ނުހައްގު ފައިދާ ހޯދާ މީހުން ވެސް އުޅެ އެވެ.

ކޮރެއާގެ މަޝްހޫރު ސީރީޒް "ސްކުއިޑް ގޭމް"ގެ ލީޑު ތަރި ލީ ޖަންގް ޖެއި މިވަނީ ދާދި ފަހުން އެ ކަހަލަ ކަމެއްގެ ޝިކާރައަކަށް ވެފަ އެވެ. އޭނާގެ ނަމުގައި ހިންގި އެތައް ލައްކަ ޑޮލަރެއްގެ މަކަރާއި ހީލަތުގެ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ލީގެ ނަމާއި ފޮޓޯތައް ބޭނުން ކޮށްގެން ކޮރެއާގެ މީހަކު ވަނީ އެ ގައުމަށް ނިސްބަތްވާ 50 އަހަރުގެ އަންހެނެއްގެ އަތުން 500 މިލިއަން ވޮން (ގާތްގަނޑަކަށް 3 ލައްކަ ޑޮލަރު) ފޭރިގަނެފަ އެވެ.

ލީ ކަމަށް ހެދިގެން އުޅުނު މީހާ ވަނީ އެއީ ލީ ކަން އެ އަންހެން މީހާއަށް ޔަގީން ކޮށްދިނުމަށްޓަކައި އޭއައި ބޭނުން ކޮށްގެން ފޮޓޯތަކެއް ހިއްސާ ކޮށްފައި ކަމަށް ހަބަރުތައް ބުނެ އެވެ.

އެގޮތުން ދުވަސްތަކެއްގެ މަތިން އެ ދެމީހުންގެ މެދުގައި ގާތް ގުޅުމެއް އުފެދި މަޑުމަޑުން ފައިސާއަށް އަހަމުން ގޮސް 3 ލައްކަ ޑޮލަރު ހޯދީ އެވެ.

މި މައްސަލަ ފުލުހުންނަށް ހުށައެޅި ތަހުގީގު ފަށާފައިވާއިރު ލީގެ ނަން ބޭނުންކުރި މީހާއަކީ ކެމްބޯޑިއަން ކްރައިމް ގޭންގަކަށް ނިސްބަތްވާ ފަރާތެއް ކަމަށް އެނގިފައިވެ އެވެ.

މިކަމާ ގުޅިގެން ލީގެ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ލީއަކީ "ސްކުއިޑް ގޭމް"އާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިދާލި ތަރި އެކެވެ.