މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތެރެއިން ބީއެމްއެލްގެ ޑޮލަރުތައް ފޭރުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ލ. މާވަށް ރޭޝަމް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް، އަހްމަދު ރައިހާން ނައީމް (20އ)، ކ. ގުރައިދޫ، އަޅިވިލާގެ / އިބްރާހީމް އަނޫފް (24އ) ހަމަ އެގޭ ޙުސައިން ޝަހުދު (30އ) ކަމަށެވެ.

އެ މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފަ އެވެ.

ފޭރުނު ބްރިފްކޭހުގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ދޫކުރަން ބީއެމްއެލްއިން ގެންދިޔަ ޑޮލަރެވެ. އެ ބްރިފްކޭސްގައި 100،000 އަށް ވުރެ ގިނަ ޑޮލަރާއި ޔޫރޯ ވެސް ހުއްޓެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓް ތެރެއިން ފައިސާ ބްރިފްކޭސް ފޭރިގެންފައި ވަނީ، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގެ ތެރެއިންނެވެ.

ފައިސާތައް ފޭރިގަތުމަށްފަހު އެ މީހުން ލޯންޗުގައި ފިލަން ދިޔައީ ހުރާ އަަށެވެ. އެ މައްސަލައާ ގުޅިގެން ހުރާ އިން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ހުރާ އިން ވާހަކަދެއްކި ބައެއް މީހުން ބުނީ އެ މީހުން އެރަށު ގެސްޓްހައުސްއެއްގެ ތެރޭގައި ޑޮލަރު ގުނާ މަންޒަރު އެތަނުގެ ސީސީޓީވީ ފްޓޭޖުން ފެންނަ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ނޭނގެ އެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް ހުރާގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.