ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލާގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލްކޮށްފައި އޮއްވާ ހއ. ދިއްދޫއަށް ވަޑައިގަތުމަށް ފުރައިވަޑައިގަތުމުން އެމަނިކުފާނާ މެދު ގާނޫނީ ފިޔަވަޅު އެޅިދާނެކަމުގެ އިންޒާރު ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
ޔާމީން މިއަދު ދިއްދޫއަށް ވަޑައިގަތުމަށް ފުރައިވަޑައިގަތީ ހއ. އަތޮޅު ކައުންސިލް އެވޯޑު "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށެވެ. އަދި ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނަށް ދައުވާކުރާ މައްސަލާގެ އަޑުއެހުމެއް މިއަދު ތާވަލްކޮށްފައި އޮތެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ އަޑުއެހުމަށް ޔާމީން ހާޒިރުވެވަޑައިނުގަންނަވާތީ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި ކޯޓުގެ ހުއްދަ ނެތި ފުރައިގެން ދިއުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް ކޯޓުން ބުންޏެވެ.
"ދައުވާ ލިބޭ ފަރާތުން މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެވެ." ކޯޓުން މީޑިއާއަތަކާ ފޮނުވި މެސެޖްގައިވެ އެވެ.
އެ ކޯޓުން އެހެން ބުނިއިރު ރައީސް ޔާމީން ދިއްދޫއަށް ވަޑައިގެންނެވުމުގެ ކުރިން އަޑުއެހުން އޮންލައިންކޮށް ކުރިއަށް ގެންގޮސްދިނުމަށް އެދި އެ ކޯޓަށް ސިޓީއަކުން ދަންނަވާފައިވެ އެވެ. ނަމަވެސް އެކަމަށް އެ ކޯޓުން އެއްވެސް ޖަވާބެއް ނުދެއްވައި މީޑިއާތަކަށް ފޮނުވީ އިންޒާރުގެ މެސެޖެކެވެ.
ޔާމީން ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅު އެޅިދާނެ ކަމުގެ އިންޒާރު ކޯޓުން ދިންއިރު, ވ. އާރަށް މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ކުރިން އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް, އެ މައްސަލަ ވެސް އަލުން ބަލަން ހައި ކޯޓުން އޮތީ އަންގައިފަ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
ރާ ބުއިން ހުއްޓާލުމުން ދިރިއުޅުން ރަނގަޅުވެއްޖެ: ބޮބީ
"ޓޫ އޮފް އަސް" މެލޭޝިއާއަށް!
ބީއެމްއެލް އިން ހިންނަވަރުގައި ބްރާންޗެއްގެ ބިންގާ އަޅައިފި