ގޭތެރޭގައި ބޭނުންނޫން ތަކެތި ގިނަ ނަމަ، ނަފުސާނީ ދުޅަހެޔޮ ކަމަށް އަސަރުކުރޭ. ގޭތެރެ ސާފުކޮށް ބޭއްވުމަކީ ހިތްހަމަޖެހުން ލިބޭނެ ކަމެއް. އެހެން ނަމަވެސް ބޭކާރު ސާމާނު ގިނަ ނަމަ، ސާފުކުރަން ދަތިވޭ. ބޭނުން ނުކުރާ ތަކެތިން އިތުރު ހަނދާންތައް ގެނުވައިދީ ބޯހާސް ކުރުވާ. ގެންގުޅޭ އެއްޗެހި މަދުކުރުމުގެ ވިސްނުން ގެންގުޅޭ ނަމަ، ޚަރަދު ކުރެވޭ މިންވަރު މަދުވޭ. އޭގެ ސަބަބުން ގަންނަ ތަކެތި މަދުވެފައި ކޮލިޓީ، ގިނަ ދުވަހު ބޭނުން ކުރެވޭ ތަކެއްޗަށް އިސްކަންދެވޭ. މަދުން އެއްޗެހި ގެންގުޅެ އެކަމުން ހިތްހަމަޖައްސާލުމަކީ ދަރިންނަށް ވެސް ދެވޭ މުހިންމު މެސެޖެއް.

ގޭތެރޭގެ ސާފުތާހިރު ކަމަކީ ހިތްހަމަޖެހުމެކެވެ. ސާފުކޮށްލުމަށް ފަސޭހަ ވާނީ އެއްޗެހި މަދުނަމަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބޭނުން ނެތް ބޭކާރު ސާމާނު އުކާލާ ދިރިއުޅޭ ތަން ސާފުކުރުމަކީ ސްޓްރެސް ހޯމޯން ކޯޓިސޯލް ދަށްކޮށްދޭ ކަމެކެވެ. އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދެ އެވެ.

ގޭތެރޭގައި އެއްޗެހި މަދުވުމުން ލިބޭ ނަފްސާނީ ދުޅަހެޔޮކަމުގެ ތެރޭގައި ހިމެނެނީ ސްޓްރެސް ކުޑަވުމާއި، ހުސް ވަގުތު ގިނަވުމާއި، އަދި ފައިސާ ފަހަށް ރައްކާކުރެވުމެވެ. މަދުން އެއްޗެހި ގެންގުޅުމުން ދިރިއުޅޭ ތަން ހުސް ކަމަށް ދައްކަ އެވެ. އޭގެ ސަބަބުން ކަންކަމަށް ސަމާލުކަން ދެވި އުފާވެރިކަން އިތުރު ކޮށްދެ އެވެ. އާ ތަޖުރިބާތަކާ އާއި ގުޅުންތައް ބަދަހިކުރުމަށް ވަގުތު ހުސްވެ އެވެ.

ގޭތެރޭގައި އެއްޗެހި މަދުވުމަކީ ހާސްކަން ކުޑަކުރުވާ ކަމެއްކަމަށް ދިރާސާއިން ދައްކާ

ގޭތެރޭގައި އެއްޗެހި މަދުވުމުން ލިބޭ ދެވަނަ ފަސޭހައަކީ އަތުން ހޭދަކުރާ މިންވަރު މަދުވުމެވެ. އަމިއްލައަށް މަދުން އެއްޗެތި ގެންގުޅުމަށް އަޒުމު ކަނޑައެޅުމުން އޮޓޮމެޓިކުން އާއެއްޗެހި ހޯދާ ފޮރުވުމަށް ހިފިފައިވާ އާދަ ކެނޑިގެންދެ އެވެ. އެ ހިސާބުން ޖީބަށް ބަރުވުން ހުއްޓެ އެވެ. ޚަރަދު ކުޑަ ދިރިއުޅުމަކަށް ހޭނެ އެވެ.

މަދުން އެއްޗެހި ގެންގުޅުމުން ލިބޭ ތިންވަނަ ފައިދާއަކީ އެކަމުގެ ސަބަބުން އެހެން މީހުންނަށް، ޚާއްސަކޮށް ދަރިންނަށް ދެވޭ އަގުހުރި މެސެޖެވެ. އެ މެސެޖަކީ އުފަލާއި ހިތްހަމަޖެހުން ހޯދުމަށް ގެންގުޅޭ އެއްޗެހި ގިނަކުރަން ނުޖެހޭނެ ކަމެވެ.

މަދުން އެއްޗެހި ގެންގުޅެން ވިސްނުން ތަރައްގީކުރުމުގެ ސަބަބުން ގަންނަ އެއްޗަކީ އެންމެ ރަނގަޅު އެންމެ ކޮލިޓީ ތަކެތި ކަމުގައި ހެދެ އެވެ. އެއީ ބޭކާރު ކުދިކުދި އެއްޗެހި ނުގަތުމުގެ ސަބުން ފައިސާ ރައްކާކުރެވިފައި ހުންނާނެތީ އެވެ. މޮޅު ކޮލިޓީގެ އެއްޗެހި ގަތުމުން އަވަހަށް ހަލާކު ނުވެ، ގިނަ ދުވަހަށް ބޭނުން ކުރެވެ އެވެ. މިސާލަކަށް ބޭޑްޝީޓް ސެޓް، ހެދުން، ފަރުނީޗަރު ފަދަ ތަކެއްޗެވެ.

ވަގުތު ސަލާމަތް ކުރެވުމަކީ ވެސް މަދުން އެއްޗެހި ގެންގުޅުމުން ލިބޭ ފައިދާއެކެވެ. ސާފުކުރުން، ތަރުތީބު ކުރުން، އަދި ގެންގުޅޭ ހުރިހާ އެއްޗެއް ރަނގަޅަށް ބެލެއްޓުމަކީ ވަގުތު ހޭދަކުރަންޖެހޭ މަސައްކަތެކެވެ. މަދުން އެއްޗެހި ގެންގުޅުމަކީ ކުރަންޖެހޭ މަސައްކަތް މަދުވެ ވަގުތު ސަލާމަތްވާނެ ކަމެކެވެ. އޭގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ މުހިންމު ކަންތައްތަކަށް ވަގުތު ހޯދެ އެވެ. އަދި ކުރާ މަސައްކަތް އަވަހަށް ނިންމާލެވެ އެވެ.

ގޭތެރޭގައި އެއްޗެހި ގިނަ ނުކުރުމަށް ވިސްނާނަމަ، ޚަރަދުކުޑަ ދިރިއުޅުމެއް އުޅެވޭ

ގެންގުޅޭ ބައެއް ސާމާނަކީ އެކި ފަހަރު މަތިން މީހުން ދީފައިވާ ތަކެއްޗަށް ވެސް ވެ އެވެ. ނުވަތަ އެއީ ރައްޓެއްސަކު، ގާތް މީހަކު ހަދިޔާކުރުމުން ހަނދާނަކަށް ބެހެއްޓޭ ތަކެއްޗެވެ. ކޮންމެ އައިޓަމަކާއެކު ވަނީ ހަނދާނެކެވެ. އެ ތަކެތީގެ ސަބަބުން ސިކުނޑިއަށް ލިބެންވާ ހުސްކަމުން ދުރުކޮށްދެ އެވެ. އެކި ދިމާތަކަށް ފިކުރު އެނބުރެ އެވެ. ބޭކާރު ޚިޔާލުތަކާ ފިކުރުތަކުން ސިކުނޑިއަށް ލޯޑު ބޮޑުކޮށްދެ އެވެ. ނަތީޖާއަކަށް ވަނީ މުހިންމު ކަންކަމަށް ދޭންވާ ސަމާލުކަން ކުޑަވުމެވެ. ވީމާ ގޭތެރޭގައި ހުންނަ އެފަދަ އެއްޗެހި ބާވެ ހަލާކު ނުވަނީސް ބޭނުން ޖެހިފައިވާ މީހަކަށް ދިނުމަކީ ހަދިޔާދިން ފަރާތަށް ދެވޭ ދެރައެއް ނޫނެވެ. އަމިއްލަ ސިކުނޑިއަށް ދެވޭ ލުޔަކަށް އެކަންވެ އެވެ.

ގިނަ އެއްޗެހި ނުގެންގުޅުމަކީ އެތައް ކަމަކުން މިނިވަންވެފައިވުމުގެ އިހުސާސް ކުރުވާ ކަމެކެވެ. ގޭތެރޭ ސާފުކޮށް ތަރުތީބުވެފައި ވާކަން ދައްކަދޭ ކަމެކެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއް ވެސް މެ އެވެ.