މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ބޯޑުން މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކިކޮށްފި އެވެ.
އެނގިފައިވާގޮތުގައި އޭނާ ވަކިކުރީ އެކުންފުނި މިހާރު ހިންގަމުންދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑުން ރިޔާޒު ވަކިކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ރިޔާޒު ވަކިކުރުމަށްފަހު އެ ބޯޑުގެ މެންބަރުންގެ އަދަދު ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން އެމްއޭސީއެލްގެ ބޯޑް މެންބަރުންގެ އަދަދު 7 އިން 9 އަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ.
އެމްއޭސީއެލްގެ ބޯޑު މިހާރު އެކުލެވިގެންވާގޮތް:
- އައިޝާ ނޫރްއައިން ޖަނާހް - ޗެއާޕާސަން
- އިބްރާހިމް ޝަރީފް މުހައްމަދު - އެމްޑީ
- ސަހާ ވަހީދު
- އިބްރާހިމް ސިޔާދު ގާސިމް
- އިބްރާހިމް މަހުދީ
ފަހަކަށް އައިސް ސަރުކާރުން އަންނަނީ އެ ކުންފުނީގެ މެންޑޭޓުން ބޭރު ގިނަ ޕްރޮޖެކްޓްތައް ހަވާލުކުރަމުންނެވެ. އޭގެތެރޭގައި ރަށްރަށުގައި ޖުމްތައް ހެދުމާއި ލ. އަތޮޅުގައި ރިސޯޓެއް ތަރައްގީކުރުން ހިމެނެ އެވެ.