ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް ނަސްރުﷲ މުސްތަފާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި، އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި އަނބިދަރިންނަށް އަޅާނުލުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
ޝައިޚް ނަސްރުﷲގެ މައްޗަށް ސާބިތުނުވި ދައުވާތައް އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް އަންގައި ދައުލަތުގެ ފަރާތުން ހައި ކޯޓަށް ސިޓީ ފޮނުވާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހު އެވެ.
މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ސަބަބުތައް އެ ސިޓީގައި ބަޔާންކޮށްފައިވާއިރު، އޭގެތެރޭގައި ހާދިސާ ހިނގި ފަހުން ނުވަ އަހަރު ވެފައި ވުމާއި ހައި ކޯޓުން ހައްލެއް ބޭނުންވާ ހާއްސަ ގާނޫނީ ބަހުސެއް ނެތުމާއި އަނިޔާ ލިބުނު މީހާ ވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައުލޫމާތު ދީފައިވުން ހިމެނެ އެވެ.
މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ. އެ ކޯޓުން ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ބެއްލެވި މި މައްސަލަ އަނބުރާ ގެންދިއުމުން، މައްސަލަ ބާތިލްކޮށް ހުކުމް ކުރީ އިއްޔެ އެވެ.
އަރަބިއްޔާގެ ޕްރިންސިޕަލް ކަންވެސް ކޮށްފައިވާ ނަސްރުﷲގެ މައްޗަށް ކުރިން ވަނީ 2017 ވަނަ އަހަރު ހަތަރު މީހަކު ހައްޖަށް ގެންގޮސް ހާލުގައި ޖެއްސި ކަމަށް ބުނެ ވެސް ދައުވާކޮށްފަ އެވެ. އެ މައްސަލާގައި އެނގި ހުރެ ސައްހަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އުފުލި އެވެ.
ނަސްރުﷲ ވަނީ ހުރިހާ މަރުހަލާއެއްގައި ވެސް މި ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.
ޝައިޚް ނަސްރުﷲ އަކީ ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވާ އުފައްދާފައިވާ ޕީއެންއެފްގެ ޖަލްސާތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.