ރާއްޖޭގެ ވެރިކަން ރައީސް މުހައްމަދު މުއިއްޒުގެ އަމިއްލަފުޅު ރަސްކަމަކަށް ބަދަލުކުރުމުގެ ޖާގަ ދިވެހި ރައްޔިތުން ނުދޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ ދިވެހި ރައްޔިތުން ރައީސް މުއިއްޒަށް ވޯޓު ދިނީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިން ވެރިކަން ކުރަން ކަމަށެވެ. އެހެންވެ، އެ ނޫން މަގަކަށް ހިންގެވުމުގެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަމިއްލަ ރަސްކަމަކަށް ދިވެހި ގައުމު ހައްދަވަން ބޭނުންފުޅު ވާނަމަ، އެ ޖާގައެއް ރައްޔިތުން ނުދޭނެ. އަޅުގަނޑުމެން އެ ޖާގަ ދޭކަށް ނެތިން،" އިމްރާން ވިދާޅުވި އެވެ.
ކުރީގެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް އަދާލަތު ޕާޓީން ފަށާފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ ހުރިހާ މެންބަރުން ވެސް ތިބެންވާނީ ޕާޓީގެ ސިޔާސަތާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
" އަދާލަތު ޕާޓީ މިއޮތީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ފަށާފަ. އަޅުގަނޑު ހިތުން, އަދާލަތު ޕާޓީގެ ހުރިހާ މެމްބަރުން ތިއްބަވަން ވާނީ ޕާޓީގެ ސިޔާސަތާ އެއްގޮތައް. އެއީ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމެއް. އެހެންވީމަ ޕާޓީގެ މަޝްްވަރާ މަޖިލީހުގެ ނިންމުމާ އެއްގޮތައް ޕާޓީގެ ހުރިހާ މެމްބަރުން ވެސް ކުރިއަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގިރާވަރުފަޅުން ދީފައިވާ ގޯތިތައް އުތުރުތިލަފަޅާއި ރަސްމާލެއަށް ބަދަލުކުރަން ސަރުކާރުން އުޅޭތީ އެ ޕާޓީން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.