ދައުލަތުގެ މުދަލާއި، ދައުލަތުގެ މުއައްސަސާތަކަކީ ރައީސް މުހައްމަދު މުއިއްޒާއި ޕީއެންސީގެ މެންބަރުންނަށް ވާރުތަކުރާ ތަރިކަ މުދާގަނޑެއް ނޫން ކަމަށާއި ބޭނުންވާހައި ގޮތަކަށް ކަންކަން ނުކުރެވޭނޭ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމްޑީޕީން ބާއްވާ ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީން މިހާރު ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ރޭ ހުޅުމާލޭގައި ބޭއްވި ކަންމަތީ އެއްވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ގައުމީ މަޖިލިސް މެމްބަރު އަދި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަޙުމާން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތްތާ ދެ އަހަރު ވެގެން ދާއިރުގައި މިހާތަނަށް އެންމެ ތެދެއްވެސް ހައްދަވާފައި ނުވާ ކަމަށާއި ހައްދަވާފައި ހުރީ ހުސް ބުހުތާނު ދޮގު ކަމަށެވެ.
ޝާތިރު ވިދާޅުވީ ރައީސް މުއިއްޒު އަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ދުށް އެންމެ ގިނައިން ދޮގު ހައްދަވާ ރައީސް ކަމަށެވެ.
އެގޮތުން ވެރިކަމަށް އަންނަން ވެސް ރާއްޖޭގެ ރައްޔިތުންނަށް އެކި ކަހަލަ ބޮޑެތި ވައުދުތައްވެ، ހެއްދެވީ ކަނޑައެޅިގެން ދޮގު ކަމަށާއި އަދި ވެރިކަމަށް ވަޑައިގެންފަހުން މިއަދާއި ހަމައަށް ވެސް ހައްދަވަމުން ގެންދަވަނީ ބުހުތާނު ދޮގު ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވަކި ބަޔަކަށް ނޫނީ ސަރުކާރުގެ ވަޒީފާތައް ނުދިނުމަށް ސަރުކާރުގެ ވެރިން ވިދާޅުވަމުން ގެންދާކަން ފާހަގަކުރައްވައި ޝާތިރު ވިދާޅުވީ ވެރިކަމަށް އާދެވުމުން ރައީސް މުއިއްޒަށާއި ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ހީވެފައި އޮތީ ސަރުކާރަކީ އެބޭފުޅުންގެ މިލިކިއްޔާތެއް ކަމުގައި ކަމަށެވެ. އަދި ސަރުކާރުގެ މުދަލަކީ އެ ބޭފުޅުންގެ އާއިލާތަކަށް ވާރުތަވާ، އަމިއްލަ ތަރިކަ މުދާގަނޑެއް ކަމަށް އެ ބޭފުޅުންނަށް ހީވެފައި އޮންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާތިރު ވިދާޅުވީ ސަރުކާރުގެ މުދަލާއި ސަރުކާރުގެ މުއައްސަސާތަކަކީ އަމިއްލަ ވާރުތަ މުދާކަމަށް ދެކި ވަކި ބަޔަކަށް ވަޒީތާތައް ބަހަން ބުނާ ބައެއްގެ ހިތުގައި ރައްޔިތުންނާ މެދު އެއްވެސް އޯގާތެރިކަމެއް، ކުލުނެއް ނުހުންނާނެ ކަމަށެވެ. އަދި އެފަދަ ބޭފުޅުން ރައްޔިތުންގެ ހައްގުގައޭ ވިދާޅުވެ ވާހަކަދައްކަން ލަދުގަންނަން ޖެހޭނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެބޭފުޅުންނަށް ވިސްނިވަޑައިގަންނަވަނީ ސަރުކާރަކީ، ދައުލަތަކީ ތިމަންނަމެންގެ މިލްކިއްޔާތެއް ކަމަށް. އެހެންވެގެން މި ވިދާޅުވަނީ ދައުލަތުން ދޭ އެއްވެސް ޚިދުމަތެއް، ދައުލަތުން ދޭ އެއްވެސް އެހީއެއް، ދައުލަތުން ކޮށްދޭ އެއްވެސް ކަމެއް ކޮށްދީގެން ނުވާނޭ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ނުލިބޭ ގޮތަކަށް ބޮޑެތި އާއިލާތަކަށް ބަލައިގެން ނޫނީ. މި ހީވަނީ މި މީހުންގެ އާއިލާގެ މުދާ ބަހައިގެން، އެ މުދާ ވާރުތަވާ ގޮތަށް، ވާރުތަވާ އެއްޗެއް ކަމަށް ޕީއެންސީ މެމްބަރުންނަށް ދައުލަތުގެ މުދަލަކީ، ދައުލަތުގެ ވަސީލަތްތަކަކީ، ދައުލަތުގެ މުއައްސަސާތަކަކީ، މި މީހުންނަށް ހީވަނީ މިއީ އެމީހުންގެ އައިލާތަކަށް ވާރުތަވާ ތަރިކަ މުދާހެން. މި ލެވެލް އަށް މިހާރު ޕީއެންސީ މެމްބަރުންގެ ވިސްނުން ގޮސްފި. ދެން މި މީހުންނަށް ރައްޔިތުންގެ ދިފާއުގައި ދެއްކޭނީ ކޮން ވާހަކައެއް. ކޮށްދެވޭނީ ކޮން ކަމެއް." ޝާތިރު ވިދާޅުވި އެވެ.
ޝާތިރު ވިދާޅުވީ މިހާރު ވެސް ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެން ފޮނި ކެނޑުން ފިޔަވައި އިތުރުކަމެއް ނުކުރެވޭ ކަމަށެވެ. އަދި މި ސަރުކާރަށް އަދި މިހާތަނަށް ކުރެވުނު ހަމަ އެކަނި ކަމަކީ ހަމަ އެކަނި ދޮގުހެދުމާއި ވައްކަން ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެގެން ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ރައްޔިތުންގެ ގާތަށް ވަޑައިގެން ރަސްމާލެ އެންމެ އަށް މަސް ދުވަހުގެ ތެރޭގައި އެއްކޮށް ހިއްކާ ނިންމާލާނޭ ކަމަށް ވިދާޅުވިކަން ފާހަގަކުރައްވައި ޝާތިރު ވިދަޅުވީ މިހާރު ވެސް ރައީސް މުއިއްޒު ގެންދަވަނީ ބުހުތާނު ދޮހު ހައްދަވަމުން ކަމަށެވެ.
ޝާތިރު ވިދާޅުވީ މިއަދު ގައުމުގެ ރައްޔިތުން އަތްއުރާލައިގެން ތިބެގެން ވާން ނެތް ކަމަށެވެ. އަދި އެގޮތަށް އަތް އުރާލައިގެން ނުތިބެ، މިހާރު ވެރިކަމުގައި ހުންނެވި ދޮގުހައްދަވާ ރައީސް މުއިއްޒު ވެރިކަމުން ބާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާތިރު ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އޮންނަ ބޮޑު އެއްވުމުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވުމަށް ގޮވާލައްވާފަ އެވެ.