މަޝްހޫރު މޮޑެލް އަދި އިންފްލުއެންސަރު ކިމް ކާޑޭޝަންގެ ދަރިފުޅު ނޯތު ވެސްޓަށް އަމާޒުވާ ފާޑުކިޔުންތަކަށް އެންމެ ފަހުން ކިމް ރައްދު ދީފި އެެވެ.

މިފަހުން އާއްމުވި ޕޮޑުކާސްޓެއްގައި ވާހަކަ ދައްކަމުން ކިމް ވަނީ ނޯތުގެ ހެދުން އެޅުމާއި ސިފައަށް ގިނަ ބަޔަކު ފުރައްސާރަކޮށް މަލާމާތް ކުރާތީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

ކިމް ބުނީ ނޯތުގެ މުޅި ހަޔާތް ވޭތުވީ އޭނާގެ މަންމަ މޭކަޕް ކުރާ މަންޒަރު ފެނިފެނި ކަމަށާއި އެހެން ކަމުން އޭނާގެ ހިތުގައި އެކަމަށް ޝައުގު އުފެދިފައިވާ ކަމަށެވެ.

އެއާއެކު އުމުރުން 12 ނޯތުއަކީ އޭނާގެ އަމިއްލަ ނިންމުންތައް ނިންމޭ ވަރުގެ މިނިވަން ކުއްޖެއް ކަމަށާއި އެއްވެސް ކަމަކަށް ނޯތުއަށް މަޖުބޫރު ނުކުރާ ކަމަށް ވެސް ކިމް ބުނެފައިވެ އެވެ.

މިފަހުން އެ ދެމައިން އިޓަލީގެ ރޯމްއަށް ކުރި ދަތުރުގެ ތެރެއިން އާއްމުވި ފޮޓޯތަކެއްގައި ނޯތުގެ ހެދުން އެޅުމާއި މޭކަޕް ކުރުން ގިނަ ބައަކަށް ފާހަގަވިއިރު އެއީ އޭނާގެ އުމުރާ ނުގުޅޭ ކަމެއް ކަމަށް ގިނަ ބަޔަކު ބުންޏެވެ.

އެއާއެކު ނޯތުއާއި ކިމްއަށް ވެސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ނަފްރަތާއި ފުރައްސާރަ އަމާޒުވި އެވެ. ކިމްއަށް ދަރިން ބަލަން ނޭނގޭ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.