ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހެދި ސައުދީ އަރަބިއްޔާގެ ސައުދީ ބިންލާދިން ގްރޫޕް (އެސްބީޖީ) އިން ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލާގައި ތުހުމަތުވާ ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑުކޮށްފި އެވެ.

ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ މައްސަލައާ ގުޅިގެން ޒިވާރު މުއްދަތެއް ނެތްގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ ތަހުގީގަށް ފާހަގަވާ ކަންކަމަށް ބަލައި އިތުރަށް އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އަޅާނެ ކަމަށެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.

އެ މައްސަލާގައި ތުހުމަތުކުރެވޭ މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.