ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން އެ ކުންފުނީގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.
މިކަން ހާމަކޮށް އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ އަށް ވަނަ ދުވަހު މި މައްސަލަ ފެންމަތިވުމާ އެކު، ތަހުގީގު ފަށައި މިދިޔަ އާދިއްތަ ދުވަހު ފަސް މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އިތުރު މުވައްޒަފަކު މިއަދު ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުންޏެވެ.
އެމްޕީއެލްއިން ބުނީ 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ގެއްލުނު މައްސަލައިގައި ޝާމިލްވާ އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަށް އެ ކުންފުނިން ފަސްނުޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކާރުވިޔަ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދިނެވެ.
"މިއީ ވަރަށް ސީރިއަސް މައްސަލައަކަށް ވާތީ، މި ކުންފުނީގެ ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުންގެ ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށެވެ. މި މައްސަލައިގައި އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގަށް މި ކުންފުނިން ދަނީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" އެމްޕީއެލްގެ ބަޔާނުގައި ވެ އެވެ.
ފުލުހުން ވަނީ ކޮންޓެއިނަރުތައް ވަގަށް ނެގުމުގައި އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފަ އެވެ.
ރޭ ހައްޔަރުކުރީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އަދި ސިނގިރޭޓް ބޭރު ކުރަން ރިޝްވަތަށް އެދުމުގެ މައްސަލާގައި މިހާރު ވެސް ޕީޖީ އަށް މައްސަލަ ލާފައިވާ މިފްކޯގެ މިހާރުގެ ޖެނެރަލް މެނޭޖަރު އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގައި ހުރި މުއާޒް އަލީ އެވެ. އޭނާއަކީ ކަސްޓަމްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެކެވެ.
މީގެ އިތުރުން 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.
ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ވަގަށް އެތެރެކުރިކަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފަޅާ އަރައި، އެ މަހުން ފެށިގެން އެ ދެ ކޮންޓެއިނަރު ހުރީ އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓައިފަ އެވެ. އެއީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާތީ އެވެ.
އެ ސިނގިރޭޓް ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ނެތް ކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ހިސާބުން އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
ދެ ކޮންޓެއިނާގައި ސިނގިރޭޓް ނެތް ކަން ފަޅާ އެރުމާ އެކު، އެމްޕީއެލުން ވެސް ޖެހިގެން އައި މި މަހުގެ ނުވަ ވަނަ ދުވަހު ބުނެފައި ވަނީ އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަަމަށެވެ.