ދިރާގު ޓީވީގެ ފަރާތުން ކަސްޓަމަރުންނަށް ރޯދަ ހަދިޔާގެ ގޮތުން ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް އިތުރު އެއްވެސް ހަރަދަކާ ނުލާ ބަލާލެވޭނެ ގޮތް ހަމަ ޖައްސައިފި އެވެ. އަދި ހަމައެއާއެކު، ދިރާގުން އަލަށް ތައާރަފު ކުރި ގޯލްޑް ޕެކޭޖްގެ ކަސްޓަމަރުންނަށް 150 ރުފިޔާގެ ޑިސްކައުންޓެއް މޭ މަހު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"މި ދުވަސްވަރަކީ ދިރާގު ޓީވީ އަށް ގުޅާލުމަށް ރަނުގެ ފުރުސަތެއް ހުޅުވާލާފައިވާ ދަނޑިވަޅެއް ވެސް މެ. އެގޮތުން މިހާރު ކުރިއަށް ދަމުންދާ ޚާއްސަ ޕޮރޮމޯޝަނެއްގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރު) މުޅިން ހިލޭ ލިބިގެންދާނެ،" ދިރާގުން ބުންޏެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދާނީ މޭ 31 ގެ ނިޔަލަށެވެ.
މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ޚާއްސަ ލަކީޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަތު ވެސް ދިރާގުން ވަނީ ހުޅުވާލާފަ އެވެ. މި މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަނަކަށް ހުށަހަޅާ 20 ނަސީބުވެރި ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނިގޮތުގައި ދިރާގު ޓީވީގެ ޒަރިއްޔާއިން ބެލުންތެރިންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ އެވެ. އެގޮތުން ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ ސްޕޯޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯކް، ސްޓާގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް،" އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.