ގެދޮރުވެރިޔާ ސްކީމުން، 76 ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބުނު 330 މީހަކަށް ތިން ކޮޓަރީގެ ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދީފި އެވެ.
ގެދޮރުވެރިޔާ ސްކީމްގައި 76 ޕޮއިންޓުު ލިބި، 3 ކޮޓަރި ލިބޭނެކަން ޔަގީންވެފައިވާ 330 މީހުންގެ ގުރުއަތު ނުނަގައި، 75 ޕޮއިންޓުު ލިބުނު 315 މީހުންގެ ގުރުއަތު ނަގައި ފްލެޓް ނަންބަރު ކަނޑައަޅާފަައި އޮތްކަން ވަނީ ހާމަވެފަ އެވެ.
މިކަން އިސްލާހުކޮށް، ފުރަތަމަ 3 ކޮޓަރީގެ އެޕާޓްމަންޓް ދޫކުރާނީ 76 ޕޮއިންޓުުން ލިބިފަވާ މީހުންނަށް ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގައި ހިމެނެނީ 3 ކޮޓަރީގެ 2،800 ފްލެޓާއި 2 ކޮޓަރީގެ 1،200 ފްލެޓެވެ.
ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން 76 އިން މަތިން ޕޮއިންޓުު ލިބުނު މީހުންނަކީ ފްލެޓް ލިބިފައިވާކަން ޔަގީން މީހުން ކަމަށް 15 ނޮވެމްބަރު 2023 ގައި އިއުލާނުކޮށްފައިވެ އެވެ. އަދި 75 ޕޮއިންޓުު ލިބުނު މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ނަގައިގެން ކަމަށް ވެސް އޭރު އިއުލާންކޮށްފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ 76 ޕޮއިންޓުުން މަތި ލިބުނު 2،830 މީހުން ހިމެނޭ ކަމަށެވެ. މީގެ ތެރެއިން ފްލެޓްގެ ނަންބަރު ކަނޑައަޅާފައި ވަނީ 2،408 މީހުންގެ ކަމަށާއި، މީގެ ތެރޭގައި 97 (194 އެޕްލިކަންޓް) ދެމަފިރިން ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި 3 ކޮޓަރީގެ އެޕާޓްމަންޓް ލިބުނު މީހުންގެ ތެރެއިން 422 މީހުންގެ ގުރުއަތު ނަގާފައި ނުވާ ކަމަށާއި، އެ މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅާފައި ވެސް ނެތް ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
75 ޕޮއިންޓުު ލިބުނު މީހުންގެ ތެރޭގައި 891 މީހުން ހިމެނޭއިރު، ގުރުއަތުލާ ލިބޭ ފްލެޓް ކަނޑައަޅާފައި ވަނީ 315 މީހުންގެ ކަމަށާއި، 576 މީހުންނަށް ލިބޭ ފްލެޓްގެ ނަންބަރު ކަނޑައަޅާފަނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލިސްޓުގައި ހިމެނޭ 97 ދެމަފިރިންގެ ތެރެއިން، 53 ދެމަފިރިއަކަށް ލިބޭ ފްލެޓްގެ ނަންބަރު ކަނޑައަޅާފައިވެ އެވެ. ނަމަވެސް ބާކީ ހިމެނޭ 43 ދެމަފިރިންނަށް ލިބޭ ފްލެޓް ނަންބަރު ކަނޑައަޅާފައެއް ނެތެވެ.
މުއްތޮލިބު ވިދާޅުވީ 1 ދެމަފިރިއަކަށް، 2 މީހުންނަށް ވެސް ފްލެޓް ދޭން ހިމަނާފައި އެބައޮތް ކަމަށެވެ. އަދި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ 3 ކޮޓަރީގެ ފްލެޓު ލިބޭ މީހުންގެ ތެރެއިން، 76 މާކްސް ލިބުނު މީހުންނަށް ފްލެޓް ކަނޑަނާޅައި، 75 މާކްސްގެ މީހުންނަށް ފްލެޓް ނަންބަރު ކަނޑައަޅާފައި ވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން 3 ކޮޓަރި ލިބޭ މީހުންގެ ތެރެއިން، 76 މާކްސްއިން މަތިން ފްލެޓް ލިބުނު މީހުންގެ ތެރެއިން 330 މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅައި ގުރުއަތު ނަގާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 75 މާކްސް ލިބުނު 315 މީހުންނަށް ފްލެޓް ދޭން ގުރުއަތު ނަގަފައި އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ފަރާތްތަކުގެ ގުރުއަތު ނަގައި، އެއްބަސްވުން ވެސް ހަދައި ސޮއިކޮށްފައި އޮތްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މިކަން ހައްލުކުރުމުގެ ގޮތުން، މިހާރު ނިންމާފަ މިވަނީ 76 މާކްސް ލިބުނު މީހުންނަށް ފްލެޓް ކަނޑައަޅައި ނިންމުމަށްފަހު، 75 ގެ މާސްކްގެ މީހުންނަށް ފްލެޓް ކަނޑައެޅުމަށް ކަމަށެވެ. ނަމަވެސް އެ އަދަދަށް 3 ކޮޓަރީގެ ފްލެޓު ނެތުމުގެ ސަބަބަން، އެ ފަރާތްތަކަށް 2 ކޮޓަރީގެ ޔުނިޓުތައް ލިބޭ ގޮތަށް ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"75 މާކްސް ލިބި ފްލެޓް ލިބުނު އެންމެންގެ އަތުން ނަގާ، 76 މާސްގެ 330 މީހުންނަށް ފުރަތަމަ އެލޮކޭޝަން ހެދީ. ދެން ބާކީ ހިމެނޭ 3 ރޫމް ފްލެޓްތައް ދީފަ، ބައެއް މީހުންނަށް 2 ކޯޓަރީގެ ޔުނިޓް ދޭން ޖެހޭނީ. އެހެންވީ 75 މާސްކްގެ މީހުންނަށް 3 ރޫމް ނުވަތަ 2 ރޫމް، މި ދެބައިން ކޮންމެ ވެސް އެއް ބަޔަކުން ފްލެޓް ދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މުއްތޮލިބު ވިދާޅުވީ ފްލެޓް ލިސްޓަށް ބަދަލު ނުގެންނަކަމަށާއި ލިސްޓުން އުނިވަމުންދަނީ އަސާސީ ޝަރުތުތައް ހަމަނުވާ މީހުންކަމަށެވެ. ވަޒީރު ވިދާޅުވީ މި ލިސްޓަށް އެއްވެސް މީހަކު އިތުރުކޮށްފަ ނުވާނެކަމަށެވެ.
"15 ނޮވެމްބަރު 2023 ގައި ނެރުނު 4039 މީހުންގެ ލިސްޓަށް އެއްވެސް މީހަކު އިރުކޮށްފައެއް ނުވާނެ. އުނިކޮށްފައި ވަނީ އަސާސީ ޝަރުތު ހަމަނުވާ، އަދި ކޯޓު މަރުޚަލާއަކަށް ދާން ޖެހިއްޖެނަމަ އެކަން ސާބިތުކުރެވޭނެ މީހުން. ލިސްޓުގައި ނުހިމެނޭ މީހަކު، ކިތަންމެ ބައިވަރު ފައިސާއެއް ދިނަސް އެކަން ނުކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަސްޓަމްސްއަށް 100 ފްލެޓް ދިނުމަށް، ގުރުއަތު ނަގާ ނިންމާފައިވާ ކަމަށެވެ. އެގޮތުން ހިމެނެނީ 3 ކޮޓަރީގެ 82 ފްލެޓާ، 2 ކޮޓަރީގެ 12 ފްލެޓެވެ.