ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައިވަނިކޮށް، އެމްޑީޕީގެ ޔޫތުވިންގް މެންބަރު އާއިޝަތު ޝިމަން އަހްމަދުގެ ފޯނުން ފޮޓޯއެއް ލީކްކުރި ކަމަށް ކުރެވޭ ތުހުމަތުތައް ފުލުހުން ދޮގުކޮށްފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ފުލުހުން ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ބެލުމުގެ ދަށަށް ގެނެވޭ ހެކި، ޑިޖިޓަލް ވަސީލަތްތައް ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ އުސޫލެއް ގާއިމްކުރެވިފައިވާ ކަމަށެވެ.

އެ އުސޫލުގެ ދަށުން އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެހެންކަމުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޮބައިލް ފޯނަކުން މައުލޫމާތު ލީކްވުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް ޝިމަންގެ ފޯނުން ފޮޓޯ ލީކްވި ކަމަށް ކުރެވޭ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ފުލުހުންގެ ތަހުގީގުތައް ކުރިއަށްގެންދަނީ ޕްރޮފެޝަނަލް ކަމާއި ގާނޫނީ ހަމަތަކުގެ މަތިން ހެކީންގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ.

"މި ހިދުމަތުގެ މަސައްކަތްތަކުގައި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމާއި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދުވެސް އިސްކަންދެވޭ ކަންކަމެވެ،" އެ ބަޔާނުގައިވެ އެވެ.

ކޯޓް އަމުރެއްގެ ދަށުން ޝިމަންގެ ފޯނު ހިފެހެއްޓީ ރައީސް މުހައްމަދު މުއިއްޒަށް އިންޒާރުދިން ކަމަށް ދޭޭހަވާ ގޮތަށް އެކްސްގައި ޕޯސްޓެއް ކުރި ކަމުގެ ތުހުމަތުގަ އެވެ.