ބޮލީވުޑްގެ މަޝްހޫރު އާއިލާއަކަށް ނިސްބަތްވާ ކަރިސްމާ ކަޕޫރަކީ 90ގެ އަހަރުތަކުގައި އެ ދާއިރާގައި ވިދާލި ތަރި އެކެވެ. އެހެން ނަމަވެސް ކުއްލި ގޮތަކަށް އޭނާ ވަނީ ބޮލީވުޑާ ދުރަށް ގޮސްފަ އެވެ.
އެ ނިންމުމާ ބެހޭގޮތުން ފިލްމު މެގަޒިން "ގްރޭޒިއާ"އަށް ދިން އިންޓަވިއުއެއްގައި ކަރިޝްމާ ބުނީ ބޮލީވުޑް ދޫކޮށްލަން ނިންމި ނިންމުމާ މެދު އެއްވެސް ވަރަކަށް ހިތާމަ ނުކުރާ ކަމަށެވެ.
އެގޮތުން އެ ދުވަސްވަރު އޭނާގެ ކުދި ދަރިން ތިބި ކަމަށާއި މައެއްގެ ގޮތުގައި އެކުދިންނަށާއި އޭނާގެ އާއިލާއަށް ވަގުތު ދިނުން ވަރަށް މުހިއްމުވި ކަމަށެވެ.
"ދަރިން ބޮޑު ކުރުމުގައި އެއްވެސް ކަމެއް އަހަންނަށް ގެއްލޭކަށް ބޭނުމެއް ނުވި. އެ ކުދިންގެ ޅަ އުމުރު އެކުގައި ހޭދަ ކުރެވުނީތީ އުފާ ކުރަން" ކަރިޝްމާ ބުންޏެވެ.
އޭނާގެ ނިންމުމާމެދު އެއްވެސް ވަރަކަށް ހިތާމަ ނުކުރާ ކަމަށާއި އެއްވެސް ކަމެއް ބަދަލު ކުރަން ވެސް ބޭނުން ނުވާ ކަމަށް ކަރިޝްމާ އިތުރަށް ބުންޏެވެ.
ފިލްމު ސްކްރީންތަކާ ދުރަށް ދިޔަ ނަމަވެސް ކަރިޝްމާ އަބަދުވެސް އިޝްތިހާރު ތަކުންނާއި ކެމިއޯ ރޯލުތަކުން ފެނެ އެވެ.
ކަރިޝްމާ ފިލްމުތަކުން އެއްފަރާތްވި ނަމަވެސް އޭނާގެ ކޮއްކޮ ކަރީނާ ކަޕޫރު އަދިވެސް އަންނަނީ ބޮލީވުޑް ފިލްމުތަކުގެ ލީޑު ރޯލުތަކުން ފެންނަމުންނެވެ.