ޣައްޒާގެ ރައްޔިތުންގެ ކުރުމަށް ނަސްލު ނައްތާލުމަށް ހޫދީން ހިންގަމުންދާ ގަތުލުއާންމު ހުއްޓުމަކަށް ގެނައުމަށް އެ ސަހަރުގައި ވެރިކަންކުރާ ހަމާސް ޖަމާއަތާއި ޔަހޫދީންނާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކޮށްފައިވީ ނަމަވެސް ޔަހޫދީންގެ ހަމަލާތައް ހުއްޓާނުލާ ކުރިޔަށް ދާކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ދެ އަހަރަށް ދެމިގެން ގޮސްފައިވާ ގަތުލުޢާންމު ހުއްޓައިލަން ޔަހޫދީން އެއްބަސްވެފައި ވަނީ، ޣައްޒާގެ 67,000 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހު އެވެ.
ހަމާސް އާއި ޔަހޫދީންނާ ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުގަ އެވެ. ހަމާސް އާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވެފައި ވަނީ މިސްރުގެ ރިސޯޓު ރަށެއް ކަމުގައިވާ ޝަރްމް އަލް-ޝައިޚުގައި ކުރިއަށް ގެންދާ ނުރަސްމީ މަސްވަރާތަކުގެ ތެރެއިންނެވެ. މިއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމަށް ކުރިއަށް ގެންދާ މަސަވަރާތަކެކެވެ.
ހަމާސް އާއި ޔަހޫދީންނާ ދެމެދު ސުލްޙަ ގާއިމު ކުރުމަށް ޓްރަމްޕް ވަނީ 20 މާއްދާއެއްގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް ހުށަހަޅުއްވާފަ އެވެ. އުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމެއް ގާއިމް ކުރެވިއްޖެ ކަމުގެ ހަބަރު ޣައްޒާއަށް ފޯރުމާއެކު މުޅި ޣައްޒާގައި ވަނީ އުފާވެރިކަން ފެތުރިފަ އެވެ.
ދެ އަހަރު ދުވަސް ވަންދެން ޔަހޫދީންގެ އުދުވާނީ ހަމަލާތަކާ ކުރިމަތިލައި، ބަނޑުހައިހޫނުކަމާއި ބިރުވެރިކަންމަތީ ދުވަސްތައް ހޭދަކުރަމުން ދިޔަ ޣައްޒާގެ ރައްޔިތުން ތިބީ ލޭއޮހޮރުވުންތަކާއި ހިތްދަތިކަން ނިމުމަކަށް އަންނާނެކަމުގެ ފޮނި އުންމީދުގަ އެވެ. ޣައްޒާގެ ރައްޔިތުން މަގުތަކުގައި އުފާ ފާޅުކުރަމުންދާއިރު، މި އުފަލުގައި މުޅި ދުނިޔެއިން ވެސް އަންނަނީ ބައިވެރިވަމުންނެވެ.
ގަތުލުއާންމު ހުއްޓުމަކަށް ގެނައުމަށް ގާއިމްކޮށްފައިވާ އެއްބެސްވުމުގައި ސޮއިކުރި ފަހުން ވެސް ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ ރައްޔިތުންތަކެއް ވަނީ ޝަހީދުވެފައިވެ އެވެ. އެ ގޮތުން ޚާން ޔޫނިސްގެ ތިން ސަރަޙައްދަކުން ހަ މީހަކު ޝަހީދުވެފައިވެ އެވެ.
ޚާން ޔޫނިސްގެ ހަމަދު ސިޓީއަށާއި ބަނީ ސުހައިލާ ރައުންޑްއަބައުޓް ކައިރިއަށް ވެސް ޙަމަލާތައް އަމާޒުވެ މީހުންނަށް ޒަޚަމްވެފައިވެ އެވެ. އޭގެ އިތުރުން ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލް ޔަރްމޫކު ސްކޫލަށް ވެސް ޑްރޯން ހަމަލާއެއް ދީފައިވެ އެވެ. ހަމައެއާއެކު ޣައްޒާގެ ދެ ޗެކްޕޮއިންޓެއްގައި ވެސް ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ޔަހޫދީންނަކަށް އަދި ގާނޫނީ ގޮތުން ލާޒިމެއް ނުވެ އެވެ. އެއްބަސްވުމުގައިވާ ގޮތުން އެ އެއްބަސްވުން ތަންފީޒުކޮށް އަމަލުކުރަން ފަށާނީ ޔަހޫދީންގެ ޓެރަރިސްޓް ސަރުކާރުން އެ އެއްބަސްވުން ތަސްދީގު ކުރާތާ 24 ގަޑިއިރުގެ ތެރޭގަ އެވެ.
އެއްބަސްވުމެއް ހަދައި އެ އެއްބަސްވުން ތަސްދީގުކުރި ނަމަވެސް ޔަހޫދީން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާނުލާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.