ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފަހައްޓާފައި ވަނިކޮށް ގެއްލިފައިވާ 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހެދުމުގެ މެއިން ކޮންރެކްޓަރު، ސައުދީ ބިންލާދިން ގްރޫޕުން އެތެރެކޮށްފައިވާ އެއްޗެއްކަން އެނގިއްޖެ އެވެ.

"ހުރިހާ"އަށް އެނގިފައިވާގޮތުގައި މި އަހަރުގެ އޭޕްރީލް މަހު އެތެރެ ކުރި މުދާތަކެއް ހިމެނޭ ކޮންޓެއިނަރުގައި ހުރި މުދާތައް ކްލިއާ ކުރީ ބިއްލާންދިންގެ މުދާތައް ކްލިއާކުރާ ލިއޯ ޓްރޭޑިން އިންނެވެ. އެއީ ސިނގިރޭޓްތަކެއްކަން އެނގުމުން އެކަން ކަސްޓަމްސް އާއި އެމްޕީއެލްގެ ސަމާލުކަމަށް ގެނައީ ވެސް ލިއޯ އިން ކަމަށް އެނގިފައިވެ އެވެ.

މިއީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެ ކޭސްތަކުގައި ޖުމްލަ 13،600،000 ސިނގިރޭޓު ސްޓިކް ހުރިއިރު، އެއީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަނަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.

އެ ސިނގިރޭޓްތައް އެތެރެކުރީ ކޮން ކުންފުންޏަކުން ކަމެއް އެމްޕީއެލް އިން ހާމައެއް ނުކުރެ އެވެ.

މިކަމާ ގުޅޭގޮތުން އެމްޕީއެލް އިން މިއަދު ބުނީ ކަސްޓަމްސް އިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރެއްގައި ހުރި ދުންފަތުގެ ބާވަތެއް އެމްޕީއެލްގެ ހުޅުމާލެ ޓާމިނަލްއިން ގެއްލިފައިވާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

"މި މައްސަލައަކީ ފުލުހުންގެ ތަޙްޤީޤުގެ މަރުޙަލާގައިވާ މައްސަލައަކަށްވުމާއެކު، މިކަމާ ގުޅޭ އިތުރު ތަފްޞީލެއް މި ވަގުތު ޚިއްސާކުރެވެން ނެތް ވާހަކަ ދަންނަވަމެވެ،" އެމްޕީއެލް އިން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

އެ މައްސަލައާ ގުޅިގެން އެމްޕީއެލްގެ ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކުންވެސް އެތެރޭގެ ތަހުގީގެއް ކުރިއަށްގެންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގު ނިމުމުން، ތަހުގީގު ރިޕޯޓާއި އެއްގޮތަށް އެމްޕީއެލް އިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ތަންފީޒުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.