އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

ސްޕެއިންގެ ގާނޫނު ހަދާ މަޖިލީހުން މިގޮތަށް ފާސްކޮށްފައި ވަނީ ބުދަ ދުވަހު އެވެ. އެއީ ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ޤަތުލު އާންމު ހުއްޓުވުމަށްޓަަކައި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.

ސްޕެއިންގެ ގާނޫނު ހަދާ މަޖިލީހުން އެ ހުށަހެޅުން ފާސްކޮށްފައި ވަނީ 178 މެމްބަރުންގެ ވޯޓާ އެކު އެވެ.

އެ ހުށަހެޅުމާ ދެކޮޅަަށް 169 މެމްބަރަކު ވޯޓު ދިން ނަމަވެސް މި ހުށަހެޅުން ފާސް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކޮށްފައި ވަނީ ގާނޫނު ހަދާ މަޖިލީހުގައި އެންމެ ހަތަރު މެމްބަރުން ތިބި ވާއަތު ފިޔައިގެ ޕާޓީ ޕޮޑެމޮސް އެވެ. އެ ހުށަހެޅުމަށް އެ ޕާޓީގެ ހަތަރު މެމްބަރުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.

ސްޕެއިންގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލް އިން ޣައްޒާ އަށް ހަމަލާ ދޭން ފެށުމާ ގުޅިގެން، ސްޕެއިން އިން ވަނީ އިސްރާއީލް އާއެކު ހަތިޔާރުގެ ވިޔަފާރި ހުއްޓާލައިފަ އެވެ. ނަމަވެސް، ބޮޑު ވަޒީރު ސަންޗޭޒް މިދިޔަ މަހު ވަނީ އެ ހުއްޓާލުމަށް ޤާނޫނީ ގޮތުން ބާރުވެރިކަން ހޯދަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ގާނޫނުގެ ތައާރަފުގައި ބުނެފައި ވަނީ ހަމާސް ޖަމާއަތުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލް އަށް ދިން ނުރައްކާތެރި ހަމަލާގެ ޖަވާބުގައި، އިސްރާއީލް އިން ފަަލަސްޠީނުގެ ރައްޔިތުންނަށް ދެމުން އަންނަނީ ލާއިންސާނީ ހަމަލާތަކެއް ކަަމަށާއި، އެއީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްގެ ގޮތުގައި މާހިރުން ސިފަ ކުރާ ކަމަށެވެ.

މި ގާނޫނުގެ ދަށުން އިސްރާއީލް އަށް ދިފާއީ އާލާތްތަކާއި، އުފެއްދުންތަކާއި، ޓެކްނޮލޮޖީ އެކްސްޕޯޓު ކުރުމާއި، އެފަދަ ތަކެތި އިސްރާއީލް އިން އެތެރެ ކުރުން ވެސް މަނާ ކުރެ އެވެ. އަދި ހަނގުރާމައިގައި ބޭނުން ކުރެވިދާނެ ވައިގެ އުޅަނދު ފަހަރުގެ ތެޔޮ އެތެރެ ކުރުމާއި، ޣައްޒާ އާއި ވެސްޓް ބޭންކުގައި ޣައިރު ގާނޫނީ އާބާދީ ތަކުން އަންނަ އުފެއްދުން ތަކުގެ އިސްތިހާރު ކުރުން ވެސް މަނާ ކުރެ އެވެ. ސްޕެއިންގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ މި ނިންމުމަށް އިސްރާއީލް އިން ވަނީ ފާޑު ކިޔައިފަ އެވެ.

އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް އެންމެ ގަދައަށް ވާހަކަ ދައްކާ އެއް ގައުމަކީ ސްޕެއިން އެވެ. ސްޕެއިން އިން ވަނީ ފަލަަސްތީނުގެ މިނިވަން ދައުލަތް ވެސް ބަލައި ގަންނަން ނިންމައިފަ އެވެ.