ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން" ގާނޫނަކީ ޣައިރު ދުސްތޫރީ ގާނޫނަކަށް ވާތީ އެ ގާނޫނަށް އަމަލުނުކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބިލު ތަސްދީގު ކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދެވުނު ބޮޑު ހަމަލާއެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ވެރިކަން ހިންގާ ބާރައި ރައްޔިތުންގެ މަޖިލީހުން ރާއްޖޭގައި އޮތް މިނިވަން މީޑިއާ އެކުއެކީ ކޮންޓްރޯލް ކުރުމަށް ހިންގި މި އަމަލު އެމްޖޭއޭއިން ވަނީ ކުށްވެރިކޮށްފަ އެވެ.
ނޫސްވެރިންނަށް ބިރުދައްކައި ސެލްފް ސެންސަޝިޕަކަށް ދިޔުމަށް މަޖުބޫރު ކުރުމަށް އެ ގާނޫނު ތަސްދީގު ކުރިޔަސް ނޫސްވެރިންނަށް ބިރު ނުދެއްކޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ގާނޫނަކީ ޣައިރު ދުސްތޫރީ ގާނޫނަކަށްވާތީ ހުރިހާ ގޮތަކުން އެ ގާނޫނާ ޗެލެންޖު ކުރުމަށް ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.
ރައީސް މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވީ ގިނަ އަދަދެއްގެ މީޑިއާތަކާއި ބައިނަލްއަގުވާމީ އެތައް ޖަމިއްޔާއަކުން އެކަން ނުކުރުމަށް ގޮވާލަމުން ދަނިކޮށެވެ.
އެއީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލެކެވެ. އެ ބިލް ހުށަހެޅީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ އެންގެވުމަކަށެވެ. ނަމަވެސް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ އަމިއްލަ މެންބަރަކު އެފަދަ ބިލެއް ހުށަހެޅި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ގާނޫނުގެ ދަށުން މީޑިއާ ރެގިއުލޭޓް ކުރާނީ މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުން އައްޔަންކުރާ ތިން މެންބަރުން ހިމެނޭހެން ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކުންނެވެ.
ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ ބާރު އޮވެ އެވެ. އަދި ބޮޑެތި އަދަދުތަކުން ނޫސްތަކާއި ޓީވީ ޗެނަލްތައް ޖޫރިމަނާ ވެސް ކުރެވެ އެވެ.