އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޝްވަރާއާއެކު މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓު ޑިއުޓީ ކުޑަކޮށް، މަނާކޮށްފައިވާ ވޭޕް ހުއްދަކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީ އިން އެންމެ ފުރަތަމަ އުވާލާނީ މިހާރު ފާސްކޮށްފައި އޮތް މިނިވަން މީޑިއާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންނަ ބިލާއި ސިނގިރޭޓު ޑިއުޓީ އަދި ވޭޕް ބޭނުންކުރުމާ ގުޅޭގޮތުން ގެނައި ބަދަލުތައް ކަމަށެވެ.

"ރައްޔިތުންނަށް ވެފަ ހުރި ތަކުލީފުތައް. އޭގެ ތެރޭގައި ސިނގިރޭޓުގެ ޑިއުޓީ، ވޭޕް [ބޭން]. މި ހުރިހާ ކަމަކީ އަޅުގަނޑުމެން ރައްޔިތުންގެ މަޝްވަރާއާ އެއްކޮށް ބަދަލުކުރާނެ ކަންކަން ކަން އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުންވޭ،" ފައްޔާޒު ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި މިފަދަ ވެރިކަމެއް އަޔަސް ފަސޭހައިން ބޮޑެތި ކަންކަން ބަދަލުނުކުރެވޭގޮތް ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިނގިރޭޓްގެ ޑިއުޓީ ބޮޑުކޮށް ވޭޕް މަނާކުރިޔަސް އެކަން އެގޮތަށް ކުރި މަގްސަދު ހާސިލުނުވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވެ އެވެ. އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ގާނޫނަށް ގެނައި އިސްލާހުގައިވެ އެވެ.