ބޭންކް އޮފް މޯލްޑިވްސްއިން މި އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް 12 މަސްދުވަހުގެ މުއްދަތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުންމިހާތަނަށް އެކި ދާއިރާގެ ގްރެޖުއޭޓުންނަށް ފުރުސަތު ފަހިކޮށްދީފައި ވެ އެވެ. މި އަހަރު، އައިޓީ ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންނާއި ގްރެޖުއޭޓުންނަށް ހާއްސަކޮށްފައިވާ "ޓެކް ސްޓާޓް" އިންޓަރންޝިޕް އަށްވެސް ވަނީ ހުޅުވާލައިފައެވެ.

އިންޓާންޝިޕް ފުރުސަތުތައް:

  • ގްރެޖުއޭޓް އިންޓަރންޝިޕް: 15 ބައިވެރިންނަށް – ބޭންކުގެ އެކި ޑިވިޜަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ
  • ޓެކް ސްޓާޓް އިންޓަރންޝިޕް: 10 ބައިވެރިންނަށް – ބޭންކުގެ ޓެކްނޮލޮޖީ ޑިވިޜަންގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ

މި ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް އިންޓާންޝިޕް މުއްދަތުގައި ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އަހަރުގެ ގްރެޖުއޭޓް އިންޓަރންސް އަށް ކޮންމެ މަހަކު ލިބޭ އެލަވަންސް 9،000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، ޓެކް ސްޓާޓް އިންޓަރނސްއަށް މަހަކު 11،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ އެވެ.

2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭންކުން 77 އިންޓަރންސް އަށް ތަޖުރިބާގެ ފުރުސަތު ފަހިކޮށްދީފައި ވެއެވެ. މީގެ ތެރެއިން ބައެއް އިންޓަރންސް އަށް ބޭންކުގެ ދާއިމީ ވަޒީފާގެ ފުރުސަތުވެސް ލިބިފައި ވެއެވެ.

ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އެވެ. އަދި އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް 30 ސެޕްޓެންބަރު 2025 ގެ ކުރިން އޮންލައިންކޮށް ހުށަހެޅޭނެއެވެ.