ރައީސް އޮފީސް ކުރިމަތީގައި ހެދި މީޑިއާ ފެންޑާ އުވާލާފައިފި އެވެ.
ރައީސް އޮފީހުން ބުނީ އެތަން އުވާލީ ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ ކަމަށެވެ.
އެތަނަކީ މިދިޔަ މެއި 29 ވަނަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވި ތަނެކެވެ.
މީޑިއާ ފެންޑާ ބޭނުންކުރާނެ އުސޫލެއް ކަނޑައަޅާފައި ވިޔަސް އެތަން ބޭނުންކުރަމުން ދަނީ ހުއްދަ ނުހޯދައި ކަމަށާއި އެފަދަ އަމަލުތައް ތަކުރާރުވާ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.
ހުއްދަ ނުނަގައި އެތަން ބޭނުން ކުރާތީ އެ ތަނުގައި ތިބެ ހަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ކޮށްފައިވާކަމަށް އެ ބަޔާނުގައިވެ އެވެ.
އެތަނުގައި އާންމު މަސްލަހަތު ގެއްލޭފަދަ އަމަލުތައް ހިންގާތީ އެ ސަރަހައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަން އެ ބަޔާނުގައި ވެ އެވެ.
މީޑިއާއަށް ފަހި މާހައުލެއް ގާއިމްކޮށްދެއްވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގަތަސް ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ މީޑިއާތަކަށް ބިރުދައްކައި މީޑިއާ ކޮންޓްރޯލް ކުރުމަށެވެ. އެގޮތުން "އަދަދު" ނޫހަށް ލިބުނު އެވޯޑަކާ ގުޅިގެން އެންޓި ކޮރަޕްޝަން މެދުވެރިކޮށް ދޮގު އިލްޒާމް މީޑިއާ ކައުންސިލްގެ މެންބަރުންގެ ބޮލުގައި އަޅުވައި ތަހުގީގެއް ހިންގާކަން ހާމަކުރި އެވެ. މިއަދާ ހަމައަށް ވެސް އެ ތަހުގީގަށް ވީގޮތެއް އެނގޭ މީހަކު ނެތެވެ.
މީގެއިތުރުން ސަރުކާރު އަޑީގައި އޮވެގެން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި މަޖިލީހަށް ހުށަޅާފައިވާ ބިލާ ދެކޮޅު ހެދި މީޑިއާތަކަށް ސަރުކާރުގެ ކުންފުނިތަކުން ދޭ ސްޕޮންސާތައް ވަނީ ކަނޑާލާފަ އެވެ.