ނޭޕާލްގައި އިންތިގާލީ ސަރުކާރެއް އެކުލަވައިލައި، 2026 ވަނަ އަހަރުގެ މާޗު މަހުގެ ފަސް ވަނަ ދުވަހު އާންމު އިންތިހާބެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ނިންމުން އިއުލާން ކުރައްވާފައިވަނީ ރައީސް ރާމްޗަންދްރަ ޕައުޑޭލްގެ އޮފީހުންނެވެ. އަދި އިންތިގާލީ ސަރުކާރުގެ ބޮޑުވަޒީރުގެ މަގާމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކަރްކީ އައްޔަން ކޮށްފައިވެ އެވެ.

އުމުރުން 73 އަހަރުގެ ކަރްކީއަކީ ނޭޕާލްގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ފުރަތަމަ އަންހެން ބޭފުޅާއެވެ. އަދި މިހާރު އޭނާއަކީ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަދި ހަމައެކަނި އަންހެން ބޭފުޅާވެސް މެއެވެ.

އިންތިގާލީ ސަރުކާރެއް އެކުލަވާލަން ޖެހުނީ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޮލީގެ އިސްތިއުފާއަށް މަގުފަހިވީ "ޖެން ޒީ" އުމުރުފުރައިގެ ޒުވާނުންނާއި އާންމުން ގުޅިގެން ކުރި ބޮޑެތި މުޒާހަރާތަކާ ގުޅިގެންނެވެ. މި މުޒާހަރާތައް ކުރީ ސަރުކާރުން މީސްމީޑިއާގެ ބައެއް މަންސަތައް މަނާކުރުމާ ގުޅިގެންނެވެ.

މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކުގައި 51 މީހަކު މަރުވެފައިވެއެވެ. މީގެ ތެރޭގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 21 މީހަކާއި، 9 ގައިދީންނާއި، 3 ފުލުހުންނާއި އިތުރު 18 މީހުން ހިމެނެއެވެ. އަދި 1,300 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާކަން ނޭޕާލްގެ ފުލުހުން ހާމަކޮށްފައިވެ އެވެ.

އިންތިގާލީ ބޮޑުވަޒީރުގެ މަޤާމަށް ކަރްކީ އައްޔަންކުރެވިފައިވަނީ ރައީސް ޕައުޑޭލް، އަސްކަރިއްޔާގެ އިސް ކޮމާންޑަރު އަޝޯކް ރާގް ސިގްދީލް އަދި މުޒާހަރާގެ އިސް ބައިވެރިންނާއެކު ކުރެވުނު މަސަވަރާތަކަށް ފަހުގައެވެ. އޭނާގެ ނަން ހުށަހަޅާފައިވަނީ މުޒާހަރާގެ ބައިވެރިންނެވެ.

ނޭޕާލްގެ މި ބަދަލަށް އިންޑިއާއިން ވަނީ މަރުހަބާ ކިޔާފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައިވަނީ ނޭޕާލްގެ ސުލްހައާއި ކުރިއެރުން ދެމެހެއްޓުމުގައި އިންޑިއާ އަބަދުވެސް ދެމިހުންނާނެ ކަމަށެވެ.

2008 ވަނަ އަހަރު ޖުމްހޫރިއްޔަތަކަށް ބަދަލުވި ނޭޕާލްގައި މިހާރު ހަމަނުޖެހުންތައް ވަނީ މަޑުޖެހިފައެވެ. އަދި މަގުތައް އަމާންވާން ފަށާފައިވާއިރު، ފިހާރަތައް ހުޅުވި، އާންމު ދިރިއުޅުމަށް އަނބުރާ ރުޖޫއަވަމުންދާކަން ފާހަގަކުރެވެއެވެ. އިންތިގާލީ ސަރުކާރުގެ މައިގަނޑު ޒިންމާއަކީ ޤައުމުގައި ސުލްހަ ގާއިމްކޮށް، 2026 ގެ އާންމު އިންތިހާބަށް މަގުފަހިކޮށްދިނުމެވެ.