ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭ އިނާޔަތްތައް ކުޑަކުރަން ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކުޑަކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން އެމަނިކުފާނު ތާއީދު ކުރައްވާ ކަމަށެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ދެން އޮތީ ޅެން ބައިތެކެވެ.
"ލިބޭ މިންވަރު ނިކަން ދަނެގެން،ވި ބޭނުންތައް ބަހާލައިގެން،ތިބޭ ނަމައީ ފިކުރުކޮށްގެން،މި ބޭޒާރެއް ނުވެސް ވާނެ." ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސުންނާއި ކުރީގެ މަޖިލިސް މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލަންޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ރައީސް މުއިއްޒު އެކްސްގައި ދާދިފަހުން ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ކުރައްވާނެކަން ހާމަކުރައްވާފަ އެވެ.
"ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ވާނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.
ދައުލަތުގެ ވަޒީފާތަކުން ރިޓަޔާކުރާ މީހުންނަށް މިހާރު ދެމުން އަންނަ ޕެންޝަން އިނާޔަތްތައް ވެސް އެއްހަމަ ކުރަން ހުށަހަޅުއްވާނެކަން އެމަނިކުފާނު ވަނީ އިއުލާންކުރައްވާފަ އެވެ.