ފުލުހުންގެ ތައްޔާރީ ހާލަތު ދެނެގަންނަން ހާއްސަ އެކްސަސައިޒެއް މިއަދު ބާއްވަން ނިންމައިފި އެވެ.

ފުުލުުންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު މެންދުރު 1:00 އިން 6:00 އަށް ކުރިއަށް ގެންދާ މި އެކްސަސައިޒަކީ ފުލުހުންގެ "އޮޕަރޭޝަނަލް ރެޑިނެސް" ބެލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

އެ އެކްސަސައިޒް އޮންނާނީ ހުޅުމާލެ ފޭސް 3 ގަ އެވެ.

އެއީ ކޮންކަހަލަ ހާލަތަކަށް ތައްޔާރުވުމަށް ހިންގާ އެކްސަސައިޒެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިފަދަ އެކްސަސައިޒެއް މި ބާއްވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ވަނިކޮށެވެ.

"ލޫޓުވައިފި، ލޫޓުވައިފި" މި ނަމުގައި އެމްޑީޕީން ބާއްވަން ނިންމާފައިވާ އެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ ކަަށް އެ ޕާޓީން ބުނެ އެވެ.