މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް ކަމަށް އަހުމަދު ނާއިފް އަދި ނައިބު ރައީސްގެ މަގާމަށް މުހައްމަދު ޝަހުޒާން އިންތިހާބުކޮށްފި އެވެ.
އެމްޖޭއޭގެ މިހާރު ހިނގަމުންދާ ދައުރު އަންނަ ހަފުތާ ހަމަވާތީ އާ އެކްސްކޯއެއް އިންތިހާބު ކުރަން ރޭ ވަނީ ކޮންގްރެސް ބާއްވައިފަ އެވެ.
އެ ޖަމިއްޔާގެ ރައީސް ކަމަށް ކުރިމަތިލީ "ދައުރު" ނޫހުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފް އެކަންޏެވެ. އެހެންވެ ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. އެމްޖޭއޭގެ އާންމު މެންބަރުންގެ 95 ޕަސެންޓް މެންބަރުންގެ ވޯޓާއެކު އޭނާ ވަނީ ރައީސް ކަމަށް އިންތިހާ ބުވެފަ އެވެ.
މިހާތަނަށް ނާއިފަކީ އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލެވެ. ނާއިފް މަސައްްކަތްކޮށްފައިވާ މީޑިއާތަކުގެ ތެރޭގައި "ސަން އޮންލައިން" އާއި "މިހާރު އޮންލައިން" އާއި "އަވަސް އޮންލައިން" ހިމެނެ އެވެ.
އެމްޖޭއޭގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލީ "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އެކަންޏެވެ. އޭނާ އެ މަގާމަށް އިންތިހާބުވީ 79 މެންބަރުންގެ ތާއީދާއެކު އެވެ.
މިހާރު އެމްޖޭއޭގެ ރައީސް ކަމުގައި ހުރި "ވަން އޮންލައިން"ގެ އަލީ ރިފްޝާން އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ވަނީ އިންތިހާބުކޮށްފަ އެވެ.
މީގެއިތުރުން އެކްސްކޯގައި އިންނަ އާންމު މެންބަރުގެ ގޮތުގައި މުހައްމަދު މާހިލް އިންތިހާބުކޮށްފައިވެ އެވެ. ބަޖެޓް ސެކްރެޓްރީގެ ގޮތުގައި އިންތިހާބުކޮށްފައިވަނީ ދައުރު ނޫހުގެ މުހައްމަދު އުޝާމެވެ. އެކްސްކޯގައި ތިބޭ އަންހެން ދެ މެންބަރުންގެ ގޮތުގައި އިންތިހާބުކޮށްފައިވަނީ މަރިޔަމް ޒަހާ އަދި ނަޝާމާ މުހައްމަދެވެ.
އާ މެންބަރުން މަގާމާ ހަވާލުވާނީ އަންނަ އަންގާރަ ދުވަހު އެވެ.