2008 ވަނަ އަހަރު ރިލީޒްކުރި ލޭޑީ ގާގާގެ އެންމެ ފުރަތަމަ ލަވަ "ޖަސްޓް ޑާންސް"އާއެކު އޭނާއާ ބެހޭގޮތުން ތަފާތު ވާހަކަތަކެއް މީޑިއާގައި ދެކެވުނެވެ.

އެގޮތުން އެ ދުވަސްވަރު އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ ލޭޑީ ގާގާ އުފަންވީ ފިރިހެނެއްގެ ގޮތުގައި ކަމަށާއި ފަހުން ޖިންސް ބަދަލުކުރާ ސާޖަރީ ހެދީ ކަމަށެވެ.

އޭރު އެކަމާ ބެހޭގޮތުން ވަކި އެއްޗެއް އޭނާ ބުނެފައިނުވާއިރު އެކަން ވެގެންދިޔައީ އެ ވާހަކަތައް ފަތުރާ މީހުންނަށް ލިބުނު އިތުރު ހިތްވަރަކަށެވެ. އެހެން ނަމަވެސް 2011 ވަނަ އަހަރު އޭނާ ވަނީ އެންމެ ފަހުން އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ލޭޑީ ގާގާ ބުނީ އޭނާގެ ޖިންސު އެހެން މީހުންނަށް ޔަގީން ކޮށްދޭން ނުޖެހޭ ކަމަށާއި އެމީހަކު ވިސްނާނީ އެމީހަކު ބޭނުން ގޮތަކަށް ކަމަށެވެ.

އެގޮތުން އޭރު އެކަމާ ބެހޭގޮތުން ހަނުހުރީ އެ ވާހަކަތަކުން އޭނާއަށް މާބޮޑު އަސަރެއް ނުކުރާތީ ކަމަށާއި އެކަން ބަހަނާއަކަށް ހަދައިގެން އުޅެން ބޭނުންނުވާތީ ކަަމަށް ވެސް އޭނާ ބުންޏެވެ.

މިހާރު އުމުރުން 35 އަހަރުގެ ލޭޑީ ގާގާއަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރިއަކަށްވާއިރު އޭނާއާ ބެހޭ ތަފާތު ވާހަކަތައް މީޑިއާއަށް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.