ގދ. ތިނަދޫގައި މިދިޔަ ސަރުކާރުން އިމާރާތްކުރަން ފެށި ރޯ ހައުސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ތިނަދޫގައި އިމާރާތްކޮށްފައިވާ 200 ރޯ ހައުސްއަށް ކުރިމަތިލުމުގެ ފުރުސަތު އެ ސިޓީގެ ކައުންސިލުން މިދިޔަ ޖެނުއަރީ މަހު ހުޅުވާލުމުން ހައުސިން މިނިސްޓްރީން ވަނީ އެ އިއުލާން ބާތިލްކުރަން އަންގާފަ އެވެ.
އެއަށްފަހު ތިން ކޮޓަރީގެ އެ ރޯ ހައުސްތައް ހަވާލުކުރުމުގެ ބާރު މިނިސްޓްރީގެ ދަށަށް ނަގައި، އެކަމާ ބެހޭ އުސޫލެއް ގެޒެޓްކުރި އެވެ. އެ ރޯ ހައުސްތަށް ކުރިމަތިލެވޭ ޝަރުތުތައް އެ އުސޫލުގައި ހިމަނާފައިވެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ތިނަދޫގައި އިމާރާތްކޮށްފައިވާ 200 ރޯހައުސްތަކަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ނޮވެމްބަރުމަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. މި ރޯހައުސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ހިޔާވެހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށެވެ.
އެ ރޯ ހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލުގައި ވާގޮތުން ރޯހައުސްތަކަށް ކުރިމަތިލެވޭނީ ތިނަދޫގެ ރަށްވެއްސެއް ނުވަތަ ތިނަދޫއަށް ހުޖުރަކޮށް އެރަށުގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެފައިވާ މީހުންނަށެވެ. އަދި ދިވެއްސަކަށް ވުމާއެކު އުމުރުން 18 އަހަރުވެފައިވާ މީހަކަށް ވާންޖެހެ އެވެ.
ރޯހައުސްއަށް އެދޭ ފަރާތަކީ އެއްމެދު އިމާރާތަކުން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެ އެވެ. އަދި އެހެން ރަށަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ދަށުން ފްލެޓް ނުވަތަ ހައުސިން ޔުނިޓް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.
އެ އުސޫލުގެ ދަށުން ޕޮއިންޓް ދިނުމުގެ މިންގަނޑު ތަރުތީބު ކުރުމުގައި އާއިލާގެ ކުޑަބޮޑު މިނަށާއި ދިރިއުޅުމުގެ ހާލަތަށް ބަލާނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތް ނުވަތަ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތް ނުވަތަ ޝަރުއީގޮތުން ނުވަތަ ގާނޫނީގޮތުން ހަވާލުކޮށްގެން ބަލަހައްޓަމުން އަންނަ ފަރާތް ނުވަތަ މައިންބަފައިން ބަލަހައްޓަމުން އަންނަ ފަރާތްތަކަށް ގިނަ ޕޮއިންޓް ލިބޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.