އޭނާ އަބަދުވެސް ކިޔެވުމަށް މޮޅު. ކުރިއަށްދާނެ ދާއިރާއަށް ފަސޭހައިން މަގު ކޮށުނު. ނަމަވެސް ހަޔާތަށް ހަލަބޮލިކަން އައީ އެއްވެސް ލަނޑުދަނޑިއެއް ނެތި ޒަވާޖީ ހަޔާތް ފަށައި ދަރިއަކު ލިބުނު ފަހުން. އެ ހިސާބުން ވަޒީފާ އާއި ދިރިއުޅުން ބެލެންސް ނުކުރެވި ކަންކަން ބޮއްސުންލި. އަމިއްލަ ނަފްސު ދެނެގަތުމަށް ކުރި މަސައްކަތުން ގެންގޮސްދިނީ ލައިފް ކޯޗިންއަށް. މިއަދު އޭނާއަކީ ފުންނާބު އުސް ގިނަ ބައެއްގެ އިތުބާރު ކަށަވަރު ކުރެވިފައިވާ ލައިފް ކޯޗެއް. އެއްއިރެއްގައި އޭނާ ފަދައިން ހަޔާތުގެ ދަންތުރައެއްގައި ޖެހި އެކަމުން ސަލާމަތް ވާން ބޭނުންވެފައި ތިބި މީހުން އަމާން މަންޒިލަކަށް ފޯރު ކޮށްދިނުމަކީ އޭނާގެ މިއަދުގެ އެންމެ ބޮޑު މަގުސަދު.

އަލަށް ޒަވާޖީ ހަޔާތެއް ފަށާއިރު ދިރިއުޅުމުގައި ހާސިލްކުރަން ބޭނުން ވަނީ ކޮން ލަނޑުދަނޑިތަކެއް ކަމެއް ކަނޑައަޅަނީ ވަރަށް މަދު ބައެކެވެ. އެއްވެސް ޕްލޭނެއް ނެތި ފަށާ ދިރިއުޅުމަކުން ލިބޭނީ ހިތްދަތިކަމާއި ވޭންކަން މި ލައިފްކޯޗުގެ ވަހާކަތަކުން އެނގިގެންދެ އެވެ. އޭނާގެ އަމިއްލަ ހަޔާތުގެ ފަތްފުށްތަކުން ލިބުނު ތަޖުރިބާގެ އަލީގައި އެހެން މީހުން ހޭލުންތެރިކޮށްދިނުމާއި، ނަފްސު ތައްޔާރު ކޮށްދިނުމާއި، ހަނދާން ކޮށްދިނުމާއި އަދި ފައިސާއިން ދެކޮޅު ޖައްސަން ބުނެދިނުމަށް މިއަދު އިސްކަންދެނީ އެހެން މީހުން އޭނާ ޖެހުނު ފަދަ ދަންތުރައަކުން ސަލާމަތް ކުރުމަށެވެ.

ކ. ކާށިދުއަށް އުފަން އެ ރަށު ޔެލޯރޯސް ސޮފްވަތު އަދުނާން (ސޮފްވާ) ހަޔާތުގެ ރޭހަށް ނުކުތީ ދިރިއުޅުމަށް އެއްވެސް ވަރަކަށް ތައްޔާރު ނުވެ އެވެ.

އޭނާ ކާށިދޫ ސްކޫލުން މެދު މަދަރުސީ ތައުލީމު ނިންމައި މަތީ ސާނަވީ ފުރިހަމަ ކުރީ ސީއެޗްއެސްސީގަ އެވެ. އަބަދުވެސް ހައި އެޗީވާ (އެންމެ މަތީ ނަތީޖާ) ހޯދާ ދަރިވަރެއްގެ ގޮތުގައި ހުރުމަކީ އޭނާ އެންމެ އިސްކަންދޭކަމެވެ. މަތީ ސާނަވީ ނިންމާލުމަށްފަހު އޭނާ މީރާ (މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ)އާ ގުޅުނީ ފައިނޭންސްގެ ދާއިރާއަށް ޝައުގުވެރި ވާތީ އެވެ.

ސޮފްވާ ސެޝަންއެއްގައި ވާހަކަ ދައްކަނީ: ނަފްސު ބިނާކުރުމަށް ކޯޗް ކޮށްދިނުމުގެ އިތުރުން އެކި ރައްރަށުގައި ފައިސާ ގެންގުޅުމުގައި ހޭލުންތެރިވާން ޖެހޭ ކަންކަން އޭނާ ބުނެދޭ

އެ ދުވަސް ވަރަކީ ރާއްޖެއަށް ޓެކްސްގެ ނިޒާމު އަލަށް ތައާރަފްކޮށް މީރާ އަލަށް ހުޅުވުނު އަހަރެވެ. އޮފީހުގައި ގިނަ ވަގުތު އުޅެން ޖެހުނަސް އެކަމަކަށް ހުރަހެއް ނެތެވެ. އޭނާ އަކީ ބުރަކޮށް މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޒުވާނެކެވެ. އެ އޮފީހުގައި ތިންމަހު މަސައްކަތް ކުރުމަށްފަހު ދާއިމީ ވަޒިފާ ހަމަޖެހިގެން ދިޔަ އެވެ. މީރާގައި މަސައްކަތް ކުރަމުން އޭނާ ވަނީ ވިލާ ކޮލެޖްގަ އާއި މެލޭޝިއާގައި އޭސީސީ (އެސޯސިއޭޝަން އޮފް ޗާޓާޑް ސާޓިފައިޑް އެކައުންޓަންޓް) ކިޔަވާފަ އެވެ.

މެލޭޝިއާއަށް ކިޔަވަން ދިޔައިރު އޭނާ ވަނީ ޒަވާޖީ ހަޔާތެއް ފަށައިފަ އެވެ. އޭރު ހަތަރު މަހުގެ ފިރިހެން ދަރިއަކު ވެސް އޮވެ އެވެ. އޭނާއަކީ އަބަދުވެސް މަސައްކަތް ކުރުމުގައި ވަކި ހަމަތަކެއް ގެންގުޅޭ ޒުވާނެކެވެ. ކިޔަވަން ހުރި ދުވަސްވަރު އާއިލީ ޒިންމާ ނަގައި ކިޔެވުން ކުރިއަށް ގެންދެވުނު ސަބަކީ އެއީ ކަމުގައި ވެދާނެ ކަމަށް އޭނާ ބުންޏެވެ. މިއަދު ސޮފްވާއަކީ ސާޓިފައިޑް އެކައުންޓެންޓެކެވެ. ފައިސާ އާއި ބެހޭ ކަންކަމުގެ މާހިރެކެވެ.

ޑިމާންޑް ބޮޑު ވަޒީފާއެއް: ދިރިއުޅުން ހަލަބޮލިކޮށްލި

ވިހެއުމަށްފަހު ހަޔާތަށް ހީނުކުރާވަރުގެ ބޮޑު ބަދަލެއް އަންނާނެ ކަމާ އެއީ އަންހެނެއްގެ އެންމެ ބޮޑު ޒިންމާކަން ކުރިން އޭނާއަށް ވިސްނިފައެއް ނެތެވެ. މިރާއިން ވަކިވީ އާއިލީ ޒިންމާ ނަގަމުން ވަޒީފާ އަދާކުރަން ދަތިވުމުންނެވެ. އެއަށްފަހު މަސައްކަތް ކުރަން ރަނގަޅު މާހައުލެއް ލިބޭތޯ އޭނާ މަސައްކަތް ކުރި އެވެ.

އަމިއްލަ މުއައްސަސާތަކުގައި ވެސް ވަޒީފާ އަދާކުރި އެވެ. ނަމަވެސް ދިރިއުޅުމުގައި ފައިސާ ގެންގުޅެން ނޭނގުމާއި އަމިއްލަ ނަފްސުގެ ބަލިކަށިކަމުން ހާސްވެ، ގޮތް ހުސްވެ މަސައްކަތް ނުކުރެވޭ ހިސާބަށް އޭނާ ބަލިވި އެވެ. ފުރަތަމަ ކައިވެނި ރޫޅުނީ އެ ހިސާބުންނެވެ.

ގްރޫޕް ސެޝަންއެއްގައި ވާހަކަ ދައްކަނީ: އޭނާގެ ކޯޗިންގް ޕްރޮގްރާމްތައް ކާމިޔާބުކޮށް ކުރިއަށް ދާކަން އެނގެނީ އެކި ބައިވެރިން ފޮނުވައިފައި ހުންނަ މެސެޖްތަކުން

އެ ދުވަސްވަރުގެ ހާސްކަމުން ސަލާމަތްވާނެ މަގެއް ދެއްކެވުން އެދި ދުއާކުރަމުން ގެންދަނިކޮށް، މިހާރުގެ ހަޔާތުގެ ބައިވެރިޔާ އާ ދިމާވި އެވެ. އެއަށްފަހު 2019 ގައި މާލޭގެ ހަލަބޮލި ދިރިއުޅުން ދޫކޮށް ކާށިދޫއަށް ބަދަލުވި އެވެ.

"ރަށަށް ބަދަލުވުމުން އިހުސާސް ކުރެވުނީ މާލޭގައި އޭރު އުޅުނީ ދިރިއުޅުމެއް ނޫންކަން. އެއީ ދިރި ތެޅުމެއްކަން އަދި ކޮންމެ ދުވަހަކީ ވެސް އަމިއްލަ ނަފްސާއި ދޭތެރޭ ވިސްނާލަން ޖެހޭނެ ދުވަހެއްކަން،" އެއްވެސް މީހަކަށް ބަރޯސާނުވެ އުޅުމަށް އަބަދުވެސް އަޒުމް ކަނޑައަޅައިގެން ދިރިއުޅުމުގެ ކަންކަން ހަމަޖައްސައިލާ ސޮފްވާ ބުންޏެވެ.

ރަށަށް ބަދަލުވެގެން އުޅުނު ދުވަސްވަރު އޭނާ ބެލީ ފެމެލީގެ ޒިންމާއަށް އިހްމާލު ނުވެވޭނެހެން އަދާކުރެވޭނެ ވަޒީފާ އެއް ލިބޭތޯ އެވެ. ޚާއްސަކޮށް ކިޔަވައިގެން ހުރި އެއްޗެއްގެ ބޭނުން ހިފޭ ކަހަލަ ދާއިރާއަކަށް ފުރުސަތެއް ލިބޭތޯ އެވެ. އޭނާއަށް ޓީޗިން ފެނުނީ އެފަދަ ވަޒީފާއެއްގެ ގޮތުގަ އެވެ.

އެހެން ނަމަވެސް ސްކޫލަކަށް ކިޔަވައިދޭން ދާކަށް އޭނާ ބޭނުމެއް ނުވި އެވެ. ޓިއުޝަން ދޭން ފެށީ މި ސަބަބަށްޓަކަ އެވެ. ކިޔަވައި ދިނުމަށް ފެށުމުގެ ކުރިން ވިލާ ކޮލެޖުން ޓީޗިންގެ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އެއްވެސް ފުރިހަމަކުރި އެވެ.

ޓިއުޝަން ދެމުން ދަނިކޮށް، ކާށިދޫ ސްކޫލުގެ އޮފިސާ ލެވެލްގެ މަގާމެއް އޭނާއަށް ލިބުނެވެ. އެ ވަޒީފާއަށް ދެ އަހަރު ހަމަވުމާއެކު ރަށު ކައުންސިލުން ފައިނޭންސް އޮފިސަރެއްގެ މަގާމު ލިބުނެވެ. ކައުސިންގެ ވަޒީފާ ވެގެން ދިޔައީ އޭނާ ކިޔެވި އެއްޗެއްގެ ބޭނުން ވެސް ކޮންމެ ވެސް ވަރަކަށް ހިފަން މެދުވެރިވި މަސައްކަތަކަށެވެ. ކައުސިލުން ވަކިވީ ރަށަށް ފައިދާ ހުރި މަސައްކަތްތަކެއް ކޮށްދިނުމުގައި ތިން އަހަރު ހޭދަ ކުރުމަށްފަހު އެވެ.

ސޮފްވާ ސެޝަންއެއް ނަގައިދެނީ: މެރިޑް ލައިފްގައި އެންމެ ގިނައިން މައްސަލަ މިޖެހެނީ ފައިނޭންޝަލް އިންސްޓެބިލިޓީގެ ސަބަބުން ކަމަށްވާތީ އެކަމުގެ ހައްލު މީހުންނަށް ކިޔައިދޭ

އޭނާ ލައިފް ކޯޗިންގެ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ނަފްސު ހޭލުންތެރިކުރުމާއި ނަފްސު ދެނެގަންނަން ކުރެވުނު މަސައްކަތުގެ ތެރެއިންނެވެ. އެއަށްފަހު އޭނާ ބޭނުންވީ އޭނާ ފަދަ ހިތްދަތި ދުވަސްތައް ގުނަމުންދާ މީހުންނަށް އެހީތެރިވުމަށެވެ. މާޒީން ލިބުނު ފިލާވަޅުތަކުގެ އެހީގަ އެވެ.

"އަޅުގަނޑަށް ދިމާވި ކަންތައްތަކާއި، އެގޮންޖެހުންތަކާއި އަދި އަޅުގަނޑަށް ދިރިއުޅުމުގައި ދަސްވިކަންތައް އެހެން ބަޔަކަށް ދަސްކޮށްދޭން މިއަދު ބޭނުންވޭ. އެއީ މި މުޖުތަމައުގައި ވަރަށް ގިނަ ބަޔަކު އަޅުގަނޑު ތަޖުރިބާކުރި ކަންތައްތައް ތަހައްމަލް ކުރަމުންދާތީ،" ޑިއުޑްރޮޕް ސާޓިފައިޑް ލީޑާޝިޕް ކޯޗިން ސެޓްފިކޭޓް ހަދާފައިވާ ސޮފާ ބުންޏެވެ.

އޭނާގެ ކޯޗިންގެ ސެޝަންތައް ޑިޒައިން ކޮށްފައި ވަނީ، ފަހަރަކު އާދައެއް ހަރުލައްވަމުން ގޮސް ހަމަޖެހިލެވުމުން ދެން އޮންނަ މަރުހަލާއަށް ދާން ޖެހޭ ގޮތަށެވެ.

އޭނާގެ "21 ޑޭސް ޓު ފްލަރިޝް" މިއީ އާދައެއް އަށުގަނުވަން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އަމިއްލަ ނަފްސު ދެނެގަތުމާއި، ދީނީ ވާޖިބު އަދާކުރުމާއި، ފައިސާގެ މުޢާމަލާތު ކުރާނެ ރަނގަޅު މަގެއް ހޯދައި ދިނުމަށް ބާރުއަޅައި ދިނުން ހިމެނެ އެވެ. އަދި ވަރުބަލި ނުވެ ދިރިއުޅުމުގެ މަގުސަދު ހާސިލް ކުރުމަށް ވަގުތު ހޯދުމަށް ސިސްޓަމެއް އުފެއްދައި ދިނުމަށް އެހީތެރިވެ ދެ އެވެ.

ސޮފްވާގެ ކޯޗިން ޕްރޮގްރާމް ނުވަތަ ހެބިޓް ބިލްޑިން ޕްރޮގްރާމްގައި ހިމެނޭ އެއްކަމަކީ ދިރިއުޅުން ނަގާ ކޮޅަށް ޖެހުމަށްޓަކައި ވަކި ގޮތަކަށް އާދަތަކެއް ހަރުލެއްވުމެވެ. މި 90 ދުވަހުގެ ޕްރޮގްރާމުގައި ދީނީ ކަންކަމަށް އިސްކަންދީ ކޮންމެ ދުވަހަކު އަދާކުރަން ޖެހޭ ވާޖިބުތަކަށްފަހު ދިރިއުޅުމުގެ ކަންކަން ރާވަން ދަސްކޮށްދެވެ އެވެ.

ސޮފްވާ ބުނިގޮތުގައި ދީނަކީ ދިރިއުޅުމުގެ މަގުސަދު ކަމަށްވާއިރު ދީނީ ކަންކަން އެއޮންނަ އުސޫލުން ގަޑިއަށް އަދާކުރުމުން ދެން ހުންނަ ކަންކަން ހަމައަކަށް އެޅެ އެވެ. ހެޔޮބަދަލުތައް ހަޔާތައް އަންނަން ފަށަ އެވެ.

ފައިނޭންޝަލް ލިޓްރަސީ ސެޝަންއެއް ނަގައިދިނުމަށްފަހު ދަރިވަރުންތަކަކާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ސޮފްވާއަކީ ސާޓިފައިޑް އެކައުންޓެންޓެއް އަދި ފައިސާއާބެހޭ ކަންކަމުގެ މާހިރެއް

ފައިސާއާ ބެހޭ ކަންކަމުގެ މާހިރެއްގެ ގޮތުން ސޮފާއަށް ފާހަގަވި އެއްކަމަކީ، ދިވެހި އާއިލާތަކުގައި ދިމާވާ އެންމެ އާންމު މައްސަލައަކީ ލިބޭ ފައިސާއިން ދެކޮޅު ނުޖެހޭ މައްސަލަ ކަމެވެ.

"މެރިޑް ލައިފްގައި އެންމެ ގިނައިން މައްސަލަ މި ޖެހެނީ ފައިނޭންޝަލް އިންސްޓެބިލިޓީގެ ސަބަބުންނޭ ބުނެވިދާނެ. އަޅުގަނޑުގެ ޕްރޮގްރާމްގައި އަލިއަޅުވާލެވިފައި ވާނެ ފައިސާ ރައްކާކުރުމާއި، ބަޖެޓް ކުރުމާއި، އަދި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ކުރެވޭނެ ގޮތްތަކުގެ މައްޗަށް،" ސޮފްވާ ކިޔައިދިނެވެ.

ބައިވެރިޔާއަށް ވަގުތު ނުދިނުމަކީ މިމުޖްތަމައުގައި ކައިވެނި ރޫޅެން ދިމާވާއެއް ސަބަބުކަން ވެސް އޭނާ ފާހަގަ ކުރި އެވެ.

"ދެމީހުންގެ ވެސް އިންނަން ޖެހޭނެ ކޮމަން ގޯލެއް، އިނދެގެން އުޅޭ އަނބިމީހާ ފިރިމީހާ ލީޑްކުރަން އެހީވާންވާނެ، މިހާރު މިވާގޮތަކީ ފިރިހެން މީހާއަކީ ގޭގެ ލީޑްކަމުގައި ވިއަސް، ބައެއް ފަހަރު އެ މަންޒަރެއް ނުފެނޭ. ދީނީ އިލްމު ނެތް ނަމަ، ދީނީ އިލްމްވެރިއަކާ ގުޅުވައިދޭން ވާނެ. މައްސަލަތަކެއް ހުންނަނަމަ ލޯބިދީގެ ފިރިމީހާ ބަދަލު ކުރެވޭނެ،" އޭނާ ބުންޏެވެ.

މުޖްތަމައުގެ ޕްރެޝާ: ހަމަޖެހުމަށް އޮތް ހުރަހެއް

ސޮފްވާ ބުނިގޮތުގައި މުޖަތަމައުގެ ފިއްތުންތަކަށް ބަލައިގެން އެހެން ބަޔަކު ހިތްހަމަޖެއްސުމަށް އެ މީހެއްގެ ހަޔާތުގެ އެއްވެސް ނިމުމެއް ނިންމުން ރަނގަޅެއް ނޫނެވެ. އެއީ އެ މީހެއްގެ ހިތްހަމަޖެހުމަކީ އެ މީހެއްގެ ގަބޫލުކުރުންތަކެއްގެ މައްޗަށް ނިންމާ ނިންމުންތަކަކުން ލިބޭ އެއްޗަކަށް ވާތީ އެވެ. އެހެން މީހުން ރުއްސަން ނުވަތަ އެހެން މީހުންގެ ދިރިއުޅުމުން ފެންނަ އުފާވެރިކަން ހޯދަން އުޅުމީ ބުއްދިވެރި ގޮތެއް ނޫނެވެ. އެފަދަ ކަންކަމުން އިސްރާފުވެގެން ދާނީ ވަގުތާއި ފައިސާ ކަމެވެ.

ސޮފްވާގެ މެސެޖް

ސޮފްވާގެ އަމިއްލަ ހަޔާތަށް ރިއާޔަތް ކުރަމުން އޭނާ ފަދަ އެހެން މީހުންނަށް، ޚާއްސަކޮށް ޒަވާޖީ ހަޔާތެއް ފަށަން ގަސްތުކުރާ ޒުވާނުންނަށް އޭނާ ދޭ މެސެޖެއް ދޫކޮށްލި އެވެ. އެއީ ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވާ ކަންތަކާ ދޭތެރޭ ދެމީހުން ވެސް އެކަކު އަނެކަކާ ވާހަކަ ދެއްކުމަށެވެ.

ކޯޗިން ސެޝަންއެއްގައި މައުލޫމާތު ދެނީ: ލައިފްކޯޗިންގެ ދާއިރާއަށް ޝައުގުވެރިވީ އަމިއްލަ ނަފްސު ދެނެގަންނަން ކުރެވުނު މަސައްކަތުގެ ތެރެއިން

ސޮފާއަކީ ނަފްސު ބިނާކުރުމަށް ކޯޗްކޮށްދިނުމުގެ އިތުރުން ރަށްރަށުގައި ފައިނޭންޝަލް އެވެއާނަސް ޕްރޮގްރާމްތައް ހިންގާ ޒުވާނެކެވެ. ޓިކްޓޮކް އާއި ވަޓްސްއަޕް އިން ގިނަ ބަޔަކު އޭނާއަށް ތަރުހީބު ދެ އެވެ.

އޭނާގެ ކޯޗިން ޕްރޮގްރާމް ކާމިޔާބުކޮށް ކުރިއަށްދާކަން އެނގެނީ އެކި ބައިވެރިން ފޮނުވައިފަ ހުންނަ މެސެޖްތަކުންނެވެ. އޭގެ ސަބަބުން މަސައްކަތެއް ރަނގަޅަށް ކޮށްދެވުމުގެ ސަބަބުން ލިބޭ އުފާވެރިކާމާއި ހިތްހަމަޖެހުން އޭނާއަށް ލިބެ އެވެ.