އަހަރުގެ ބާކީ ހަތަރު މަސް އޮއްވައި، ސަބްސިޑީއާއި ދަރަންޏަށް ބަޖެޓުކުރި ފައިސާ ހުސްވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ދައުލަތުން ސަބްސިޑީތަކާއި އެހީގެ ގޮތުގައި ދިން ފައިސާގެ އަދަދު 6.11 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެ ދާއިރާތަކަށް 8.611 ބަޖެޓުކޮށްފައިވާއިރު، އެންމެ ބޮޑު އަދަދެއް ހާއްސަކޮށްފައިވަނީ އާސަންދައާއި ސަބްސިޑީއަށެވެ.

އާސަންދައާއި ސަބްސިޑީއަކީ ކޮންމެ އަހަރަކު ވެސް ބަޖެޓަށް ވުރެ އިތުރަށް ހަރަދު ކުރަން ޖެހޭ ދެ ދާއިރާ ކަމަށްވާއިރު، މި ސަރުކާރުން ވަނީ އާސަންދަ ނިޒާމު އިސްލާހު ކުރުމަށް ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އެގޮތުން ބަލްކު ޕްރޮކިއުމަންޓުގެ އުސޫލުން ގަނޑުކޮށް ބޭސް އެތެރެކޮށް، އަގުތައް މުރާޖާކުރުމުން މިހާތަނަށް 10 ބޭހެއްގެ އަގު ދަށްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެެވެ.

އެ ފިޔަވަޅުތަކާއެކު ވެސް، އާސަންދަ ބަޖެޓުގެ 71 ޕަސެންޓް މިހާރު ވަނީ ހަރަދުކޮށްފަ އެވެ. އެއީ 1.85 ބިލިއަން ރުފިޔާގެ ތެރެއިން 1.32 ބިލިއަނެވެ. އަދި އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި ވަރަށް ވުރެ ވެސް 17 ޕަސެންޓް އިތުރު އަދަދެކެވެ.

މި ސަރުކާރުގެ ބަޖެޓު އެކުލަވާލިއިރު ސަބްސިޑީ އިސްލާހުކޮށް، ހަރަދު ކުޑަކުރަން ރޭވި ނަމަވެސް، އެ އިސްލާހުތައް ގެނެސްފައިނުވެ އެވެ. އަދި ސަބްސިޑީތަކަށް ކަނޑައެޅީ 1.86 ބިލިއަން ރުފިޔާ ނަމަވެސް މިހާރު އެ އަދަދު ފަހަނައަޅައި ގޮސް، ހަރަދު ވަނީ 2.05 ބިލިއަނަށް އަރައިފަ އެވެ. އެއީ ބަޖެޓަށް ވުރެ 10 ޕަސެންޓު އިތުރު އަދަދެކެވެ.

ރާއްޖޭގެ ދަރަނި ބޮޑުވުމުން އަންނައިރު، ބޭރުގެ އިދާރާތަކުން އެންމެ ގިނައިން ފާޅުކުރާ ކަންބޮޑުވުމަކީ ދައުލަތުން ސަބްސިޑީތަކާއި ޕެންޝަނަށް ދެމެހެއްޓުމެއް ނެތް ގޮތަކަށް ހަރަދު ކުރަމުން އަންނަ ކަމެވެ. ރާއްޖޭގެ ކުރިއެރުމަށް ޓަކައި އެ ނިޒާމުތަކަށް ބަދަލު ގެންނަން އެ އިދާރާތަކުން އެކި ފަހަރު މަތިން ގޮވާލައިފައިވެ އެވެ.

އެ ލަފަޔާ އެއްގޮތަށް މި އަހަރުގެ ބަޖެޓު އެކުލަވާލި ނަމަވެސް، މިދިޔަ މެއި މަހު ރައީސް މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންނަށް ދެމުންދާ އެއްޗަކުން އެއްޗެއް އުނިކޮށްގެން ފައިސާ ސަލާމަތް ކުރުމުގެ ބަދަލުގައި، މަޝްރޫއުތައް ހިންގާ ގޮތް ބަދަލުކޮށްގެން ހަރަދު ކުޑަ ކުރަން ނިންމަައިފައިވާކަން އިއުލާންކުރައްވައިފަ އެވެ.

އެގޮތުން މަޝްރޫއުތައް ދައުލަތް ހިއްސާވާ ކުންފުނިތަކަށް ދިނުމާއި ގަނޑުކޮށް ތަކެތި ގެނެސްގެން އެފަދަ މަސައްކަތްތައް ކުރިއަށްގެންދިޔުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއިން ހަރަދު ކުޑަ ކުރަން ޖެހިފައިވާ މައިގަނޑު ސަބަބަކީ ދަރަނި އަދާކުރުން ކަމަށްވާއިރު، މި އަހަރު އެކަމަށް 3.87 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ. ނަމަވެސް، މިދިޔަ މަހުގެ 28ގެ ނިޔަލަށް އެއަށްވުރެ އިތުރަށް 76.6 މިލިއަން ދަރަންޏަށް ހަރަދުކޮށް، ޖުމްލަ ހަރަދު ވަނީ 3.95 ބިލިއަނަށް އަރައިފަ އެވެ.

މީގެ އިތުރުން ދައުލަތުން މުސާރައާއި އިނާޔަތާއި ޕެންޝަނަށް ކުރާ ހަރަދު ވަނީ މިދިޔަ އަހަރަށްވުރެ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރީ 8.95 ބިލިއަން ނަމަވެސް މި އަހަރު ވަނީ 9.42 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އޭގެ ތެރެއިން މުސާރައަށް އެކަނި ވެސް ފަސް ޕަސެންޓުގެ އިތުރުވުމެއް އައިސްފައިވެ އެވެ.

ރާއްޖެއިން އަންނަ މަހު 500 މިލިއަން ޑޮލަރުގެ ދަރަންޏެއް ދައްކަން ޖެހޭއިރު ނޮވެންބަރުގައި ވެސް އިތުރު ދަރަންޏެއް އެބައޮތެވެ. އެއަށްފަހު އަންނަ އަހަރު މެދުތެރޭ 15 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.

އެހެންވެ، ހަރަދު ކުޑަ ނުކުރާނަމަ ރާއްޖެއަށް ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް ބޭރުގެ އިދާރާތަކުން ބުނެ އެވެ. ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުން، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ. .