މާލެއާ ގުޅިފައިވާ ބިންތައް ހުރިއިރު، ފުށިދިއްގަރުފަޅު ހިއްކުމަކީ ބޭކާރު ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލޭގެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އެމްޑީޕީ ސަރުކާރުން ހިއްކަން ފަށާފައިވާ ބިންތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ފުށިދިއްގަރުފަޅުގައި މިހާރު ކުރިއަށްދާ މަސައްކަތަކީ ރައީސް މުޢިއްޒުގެ އަމިއްލަ ޖަޒުބާތާއި ކިބުރުވެރިކަން ދެއްކުމުގެ ގޮތުން ކުރާ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑު މިއަދު ސަރުކާރަށް ގޮވާލަން، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާލުމަށްޓަކައި އެމްޑީޕީގެ ސަރުކާރުން ފަށާފައި އޮތް މަސައްކަތް މެދުނުކެނޑި ލަސްނުކޮށް އަލުން ކުރިއަށް ގެންދެވުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ގައުމުގެ ހާލަތު އޮތްގޮތުން ރައްޔިތުން މަގުމައްޗަށް ނުކުންނަން ވެއްޖެ ކަމަށާއި އެމްޑީޕީން ބާއްވާ އެއްވުންތަކުގެ ކުރީ ސަފުގައި އެމަނިކުފާނު ހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ބޭރު ގައުމުތަކުގައި ތަކެތީގެ އަގު މައްޗަށް ނުދާ ދަނޑިވަޅެއްގައި ރާއްޖޭގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވުމަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
މީޑިއާގެ މިނިވަންކަން ނަގާލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ވެސް އެމަނިކުފާނު ވަނީ ކުށްވެރިކުރައްވާފަ އެވެ.