ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ހާޒިރުކުރި ހުރިހާ ނޫސްވެރިން ވެސް މީޑިއާ ކޮންޓްރޯލް ބިލް ބަލައު ނުގަންނަކަން ހާމަކޮށްދީފި އެވެ.

މިއަދު ކޮމިޓީގައި އެއްވެސް ނޫސްވެރިއަކު އެ ބިލަށް ތާއީދުކޮށް ވާހަކަ ނުދައްކަ އެވެ. ސަންގު ޓީވީ ފިޔަވައި އެހެން ހުރިހާ މީޑިއާތަކުން ކޮމިޓީގައި ގޮވާލާފައި ވަނީ ބިލް އަނބުރާ ގެންދިޔުމަށެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ދައުރު ނޫހުގެ މެނޭޖިން އެޑިޓަރު، އަހުމަޒު ޒާހިރު (ހިރިގާ) ވިދާޅުވީ މުޅި ބިލު ފަރުމާ ކޮށްފައި އޮތީ އިސްލާހު ކުރެވޭ ވަރަށް ވުރެ ގޯސްކޮށް ކަމަށް ހިރިގާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ މި ބިލަކީ މަޖިލީހަށް ބަލައިގަނެގެން އިސްލާހު ކުރެވޭ ވަރަށްވުރެ ގޯސް ހާލަތުގައި އޮތް ބިލެކޭ، އެހެންވީމާ މި ބިލު ހަމަ ފުރަތަމަ ކަމަކަށް ބޭރުކޮށްލަދެއްވާށޭ،" ހިރިގާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަކި ފަރާތަކަށް ނުޖެހި ހިޔާލުފާޅު ކުރަންޖެހޭނެ ކަމަށް ބިލުގައި ލިޔެފައި އޮތުމާއި ބްރޯޑްކާސްޓިން ކޮމިޝަނާއި ޕްރިންޓް އަދި އޮންލައިން މީޑިއާތައް އެއް ކޮމިޝަނަކުން ރެގިއުލޭޓު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"ރާއްޖޭގެ މިނިވަންކަން ހޯދުމަކަށް ނޫނޭ ރާއްޖޭގައި އެންމެ ބޮޑު ހަނގުރާމައެއް ކުރީ، ރާއްޖޭގައި އެންމެ ބޮޑު ހަނގުރާމައެއް ކުރީ ކޮމާކޯޅިއެއްގައި ދަންނަވާ ކަމަށްވަންޏާ މިނިވަން ނޫސްވެރިކަން ހޯދުމަށޭ އަދި އެންމެ ގިނަ ބަޔަކު ޖަލު ތެރޭގަ އާއި ކުޑަގޮޅި ތެރޭގައި އަނިޔާ ލިބި މަރުވެ އެތައް ކަމެއް ހިނގައި ގޮސްފައި ވަނީ ވެސް މި މިނިވަންކަން ހޯދާށޭ،" ހިރިގާ ވިދާޅުވި އެވެ.

އެ ބިލަކީ އުފެދުމުގައި ވެސް ބާތިލް ބިލެއް ކަމަށް ބައެއް ނޫސްވެރިން މިއަދު ބުންޏެވެ. އެގޮތުން އެ ބިލް ޑްރާފްޓްކުރި ކަމަށް ހަވާލުވާނެ އެއްވެސް މީހަކު މިހާރު ނެތް ކަމަށް ވެސް ނޫސްވެރިން ބުންޏެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި އެ ބިލް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ.

އިއްޔެ ކޮމިޓީއަށް ހާޒިރުކުރި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލުން ވަނީ މި ބިލާ ދެކޮޅުކަން ހާމަކޮށްފަ އެވެ.

މި ބިލް ޑްރާފްޓް ކުރުމުގައި ކަމާގުޅޭ އެއްވެސް ފަރާތެއްގެ ހިޔާލާއި މަޝްވަރާ ހޯދާފައިނުވާ ކަމަށް އެންމެން ވެސް އިއްތިފާގުވެ އެވެ.

މި ބިލްގެ ދިފާއުގައި ވާހަކަދައްކަނީ ހަމައެކަނި ސަރުކާރަށް ނިސްބަތްވާ މީހުންނެވެ.