އއ. މާޅޮސް، އޯކިޑްމާގެ، އަބްދުއްރަހްމާން އާދަމް މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެ ރަށު ފިޔަ، އަހްމަދު އާޝިދު،27، ގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި އެޗެ.
މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ އަބްދުއްރަހްމާން މަރާލި މައްސަލައާ ގުޅިގެން އާޝިދުގެ އިތުރުން ހައްޔަރުކޮށްފައި ވަނީ އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިޝާމް،22، އާއި އެ ރަށު ފިނިވާގެ، އަހްމަދު ފާރިސް،27، އެވެ.
އެ ތިން މީހުންގެ ތެރެއިން ވިޝާމާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މީގެކުރިން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން މާޅޮހުގައި ކުރި މަސައްކަތުން ފުލުހުން ވަނީ އެ މައްސަލައާ ގުޅޭ ގިނަ ކަންތައްތަކެއް ހޯދާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުންގެ މެދުގައި ޖެހުނު މައްސަލަ އަކީ އާޝިދުގެ އާއިލާ މީހަކަށް އަބްދުއްރަހްމާންގެ ދަރިއަކު ދިން ފައިސާތަކެއް އަނބުރާ ދޭން ދެކޮޅު ހެދުމުން ޖެހުނު މައްސަލައެކެވެ. އެ މައްސަލަ އުފެދި ދެބަސްވުންތަކެއް ވެސް އުފެދިފައިވާއިރު، އާޝިދުގެ އާއިލާ ބަޔަކަށް އަބްދުއްރަހްމާން ސިހުރު ހެދިކަމުގެ ތުހުމަތުތަކެއް ވެސް ހިމެނެ އެވެ.
އެގޮތުން އާޝިދު މަންމަ ދިރިއުޅޭ ގޭދޮށަށް ކިޔަވާފައި އަބްދުއްރަހުމާނު ފެން އަޅާ ވީޑިއޯއެއް ވެސް އެ ރަށު ބައެއް މީހުންނަށް ފެނިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެ މީހުންގެ ތެރެއިން ވިޝާމަކީ މާޅޮހު ޔޫތު އެސޯސިއޭޓް ކަމަށް ރައީސް މުހައްމަދު އައްޔަންކޮށްފައިވާ މީހެކެވެ. ފާރިސް އާއި އާޝިދަކީ ސްޓެލްކޯގެ މުވައްޒަފުންނެވެ.