ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބެވީ އެ ބޭފުޅުންގެ ސިކުނޑި ރައީސް މުހައްމަދު މުއިއްޒާ ހަވާލުކުރައްވައިގެން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ތެލަސީމިއާ ކޮންޓްރޯލްކުރުމާ ބެހޭ ބިލު މަޖިލީހުން ފާސްކުރުމުން ރައީސް ވަނީ ތަސްދީގު ނުކުރައްވައި، އެ ބިލު އަނބުރާ ފޮނުވާލައްވާފަ އެވެ. އެހެންވެ، ޕީއެންސީ މެންބަރުން އެ ބިލު އިސްލާހުކުރަން ޖެހުމުން އެމްޑީޕީ މެންބަރުން ވަނީ ފާޑު ވިދާޅުވެފަ އެވެ.
ބިލަށް ބަހުސްކުރައްވަމުން މީކާއީލް ވިދާޅުވީ، މިއަދު ހާމަވަމުންދަނީ ރައްޔިތުންގެ މަޖިލީސް ހަމަ ހަގީގަތުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހަށް ބަދަލުވެފައި އޮތްކަން ކަމަށެވެ.
މީކާއީލް ވިދާޅުވީ، މީގެ ދުވަސްކޮޅެއް ކުރިން ތެލަސީމިއާ ކޮންޓްރޯލްކުރުމާ ބެހޭ ބިލަކީ ވަރަށް ފުރިހަމައަށް އޮތް ބިލެއް ކަމަށް ޕީއެންސީ މެންބަރުން ވިދާޅުވި ކަމަށެވެ. އެކަމަކު، މިއަދު އަނެއްކާ ވެސް ރައީސްގެ އެންގެވުމާ އެކު އެ މެންބަރުންގެ ހިޔާލު ބަދަލުވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލެއްގައި މައްސަލައެއް އޮތްކަން ވެސް ފަހުމުވަނީ ރައީސް ވިދާޅުވުމުން ކަމަށް ވިދާޅުވެ، މީކާއީލް ވަނީ ވަރަށް ބޮޑަށް މެންބަރުންނަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވަނީ ޕީއެންސީ މެންބަރުންގެ ސިކުނޑި ކޮބާތޯ ސުވާލު އުފައްދަވާފަ އެވެ.
މީކާއީލް ވިދާޅުވީ، މެންބަރަކު އިންތިހާބުކޮށްފައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަނީ އެންމެހާ ރައްޔިތުންނަށް މަޖިލީހުގެ ތަޅުމަށް ނުވަދެވޭތީ އެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރައްޔިތުންގެ ހައްގުގައި ކަންކަން ނިންމަން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އާއި ރައީސް އޮފީހާ އަމިއްލަ ސިކުނޑި ހަވާލުކޮށްފައި އިއްޒަތްތެރި ރައީސް އަޅުގަނޑުމެން މި ތިބެނީ މިތާ ބަހުސްކުރަން. ރައީސުލްޖުމްހޫރިއްޔާ އެންގެވިއްޔާ އެންގެވިހާ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.
މީކާއީލް ވަނީ ބިލުތަކަށް ބަހުސްކުރާއިރު ޕީއެންސީގެ މެންބަރުން އެ ބިލެއްގައި އޮތީ ކޯޗެއްކަން ވެސް ނޭނގޭ ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި، މަޖިލީހަކީ ރައީސް އޮފީހުގެ ކުޑަކުޑަ ކޮޓަރިއަކަށް ބަދަލުވާތަން ފެނުނީމާ ހަގީގަތުގައި ވެސް ހިތުގައި ވޭން އަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، މެންބަރުންގެ ސިކުނޑި ރައީސް މުއިއްޒާ ހަވާލު ނުކުރަން އޭނާ ވަނީ ގޮވާލައްވާފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީކާއީލް އެ ވާހަކަދެއްކެވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ބިލެއް އިސްލާހުކުރަން ބޭނުންނަމަ އެ ބިލެއް އަނބުރާ މަޖިލީހަށް ފޮނުވާލުމަކީ ގާނޫނުއަސާސީގެ ދަށުން ރައީސަށް ލިބިދޭ ހައްގެއް ކަމަށެވެ. އަދި، މެންބަރުން ބޭނުންފުޅު ނަމަ އެއްވެސް އިސްލާހެއް ނުގެނެސް އަނެއްކާ ވެސް އޮތްގޮތަށް ފާސްކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ މެންބަރުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ދަސްކުރައްވައިގެން ބަހުސްކުރައްވަން މެންބަރުންނަށް ގޮވާލައްވާފަ އެވެ.
މި ހިނގާ 20ވަނަ މަޖިލީހުގައި ޖުމުލަ 93 މެންބަރުން ތިއްބަވާއިރު އޭގެ ތެރެއިން 75 މެންބަރުންނަކީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ. އެހެންވެ، މަޖިލީހަކީ 'ސަރުކާރުން ބޭނުން ގޮތަކަށް' ކަންކަން ނިންމާ ތަނެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.