މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިންތަކެއް ދޫކުރި މައްސަލައަކާ ގުޅިގެން އެޗްޑީސީގެ މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.
އެނގިފައިވާގޮތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހުޅުމާލެ އާއި ތިލަފުށިން ބިންތަކެއް ދޫކުރި މައްސަލާގައި ސަސްޕެންޑުކޮށްފައި ވަނީ އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސޭލްސް، ފާތިމަތު ގުރައިޝާ މުހައްމަދު އެވެ.
މި މައްސަލަ އެޗްޑީސީން މިހާރު އަންނަނީ ބަލަމުންނެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ސަރުކާރަށް ނިސްބަތްވާ ބައެއް މީހުންނަށް ބިންތަކެއް ވިއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ވެސް މީގެކުރިން ފެންމަތިވި އެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ތަހުގީގެއް ނުކުރެ އެވެ.
ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަށް ވެސް ނުހައްގުން ގޯތި ދިން މައްސަލައެއް ފަޅާއެރުމުން އެ މައްސަލަ ތަހުގީގު ކުރަން ފެށިކަން ފުލުހުން ހާމަކުރި އެވެ. ނަމަވެސް އެ ތަހުގީގަށް ވީގޮތެއް އަދިވެސް ނޭނގެ އެވެ.
ފަޒުލް މިހާރު ވެސް ހުރި ޕީއެންސީގެ އިސް މަގާމެއްގަ އެވެ. ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ޕީއެންސީން ވ. އަތޮޅަށް ކަނޑައަޅާފައިވާ ކެމްޕޭން މެނޭޖަރަކީ ވެސް ފަޒުލް އެވެ.