2020 ވަނަ އަހަރު މަރުވި އެމެރިކާގެ މަޝްހޫރު ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ކޯބް ބްރަޔަންޓްގެ ހަޔާތުގެ މައްޗަށް ބައޮގްރަފީ ފިލްމެއް ހަދަން އުޅޭ ކަމަށް ހަބަރުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ހޮލީވުޑްގެ އެންމެ ބޮޑު އެއް ޕްރޮޑަކްޝަން ކުންފުނި ވާނަސް ބްރޯސްއިން ވަނީ ކޯބްގެ ބައޮގްރަފީއެއް އުފައްދަން ނިންމާފަ އެވެ.
އެގޮތުން މިހާރު ކުރިއަށްދަނީ އެ ފިލްމުގެ ކާސްޓިންއާއި އެ ނޫން ވެސް މުހިއްމު ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް ކަމަށް ހަބަރުތައް ބުނެ އެވެ.
މި ފިލްމުގެ ޑައިރެކްޓަރެއް ވެސް އަދި ހަމަޖެހިފައިނުވާއިރު ކޯބްގެ ރޯލުން ފެންނާނެ ކަމަށް ބެލެވޭ ތަރިންގެ ތެރޭގައި މައިކަލް ބީ ޖޯޑަން، މަހެރްޝަލާ އަލީ ނުވަތަ ލެސްލީ އޮމަން ޖޫނިއާ ހިމެނެ އެވެ.
މި ފިލްމުގައި ކޯބްގެ ބާސްކެޓް ބޯޅަ ހަޔާތުގެ އެކި ކަންކަމާއި އޭނާގެ ޒާތީ ހަޔާތަށް ވެސް ކޮންމެވެސް ވަރަކަށް އަލިއަޅުވާލާނެ ކަމަށް ބެލެވެ އެވެ.
2020 ވަނަ އަހަރުގެ ޖެނުއަރީ މަހު 26 ވަނަ ދުވަހު ކޯބްއާއި އޭނާގެ 13 އަހަރުގެ ދަރިފުޅުގެ އިތުރުން އެހެން ހަތް މީހަކު މަރުވީ އެމީހުން ދަތުރުކުރި ހެލިކޮޕްޓަރެއް ފަރުބަދަމަތީ ސަރަހައްދަކަށް ވެއްޓިގެންނެވެ.