މާލެ ގެއެއްގެ ބެލްކަނީގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައި އަލިފާން ރޯވެ އެޕާޓްމަންޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މ. އަފްޒާ ގޭގެ ހަވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފަ ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްއިން ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔުއަށް ލިބިފައި ވަނީ މިއަދު ހެނދުނު 7:45 ހާއިރު ކަމަށް ބުނެ އެވެ. އަދި ފަޔާ ފައިޓަރުން ކުރި މަސައްކަތުން އޭސީ އައުޓްޑޯ ޔުނިޓުގައި ރޯވި އަލިފާން ނިއްވާލެވުނީ ގާތްގަނޑަކަށް 8:00 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ. އެހެން ނަމަވެސް، އެޕާޓްމަންޓު ތެރެއަށް އަލިފާން ފެތުރި، އެކި ވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެއެޕާޓްމަންޓުގެ ސިޓިން ރޫމާއި، ކޮޓަރި ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ، މ. އަފްޒާ 6 ވަނަ ފްލޯގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެންޑީއެމްއޭއިން ބުނީ އެޕާޓްމަންޓްގައި ދިރިއުޅޭ ފަރާތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚަރަދު ހަމަޖައްސައިދީފައިވާ ކަމަށެވެ.