ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. ތޮއްޑޫގައި ދެމުން ގެންދާ ހިދުމަތް އިތުރަށް ފުޅާކުރުމަށް ޑޮލަރު އޭޓީއެމްއެއް ބަހައްޓައި، އާ ބްރާންޗްގެ ބިންގާ އަޅައިފި އެވެ.
ހިދުމަތް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު މުއިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުންނާއި އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޝަރީފް ވިދާޅުވީ، ތޮއްޑޫގައި ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމްއާއި އެގްރިޓޫރިޒަމަށް އަމާޒުކޮށް ބީއެމްއެލްގެ ހިދުމަތް ފުޅާކުރުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ތޮއްޑޫގައި އެންމެ ފުރަތަމަ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށީ މީގެ ފަސް އަހަރު ކުރިން. މިއަދު މިރަށުގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށިގެންދާއިރު، މި ރަށުގެ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު އެހެން ރަށަކަށް ދަތުރު ނުކޮށް މިހާރު ލިބޭނެ. މި ރަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބްރާންޗްގެ މަސައްކަތްވެސް އަންނަ އަހަރުތެރޭ ނިމޭނެ، މިއާއެކު ބޭންކިންގ ހިދުމަތް މިރަށުގެ ރައްޔިތުންނަށް އިތުރު ފަސޭހަކަމާއެކު ފޯރުކޮށްދެވިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.
ތޮއްޑޫ ޔޫއެސް ޑޮލަރު އޭޓީއެމްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އައްޑޫ ސިޓީ، މާލެ، ހުޅުމާލެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ކުޅުދުއްފުށި ސިޓީ އަދި މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ހިދުމަތް ދެމުންނެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 144 ސެލްފްސާވިސް ބޭންކިން ސެންޓަރު، 201 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.